މެކްސިކޯގެ އައު ރައީސާއަށް ރައީސް ޑރ. މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ

3 weeks ago

އަފްރާހް

މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.


މެކްސިކޯގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސާއަށް ތަހުނިޔާ ވިދާޅުވެ، ރައީސް ފޮނުއްވި މެސެޖުގައި އެކަމަނާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި އެޤައުމުގެ މުސްތަޤުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ޤައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވާފައިވެއެވެ. 


އެ މެސެޖުގައި އަންނަ އަހަރަކީ ދިވެހިރާއްޖެއާ މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ގާއިމްކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.


އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަވާފައި ވަނީ މެކްސިކޯގެ އައު ރައީސާއަށާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު