ދިއްދޫ ހައުސިންގ ޔުނިޓުތައް ނިމުމާއި ގާތަށް!

3 weeks ago

އަފްރާހް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓު މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.


އެ މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މަޝްރޫއެކެވެ.


ދިއްދޫގައި 75 ހައުސިންގ ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާގެ އަގަކަށެވެ.


އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 75 ހައުސިންޔުނިޓުގެ މަސައްކަތުގެ ތެރެއިން ހުރިހާ ހައުސިންޔުނިޓެއްގެ ރާނާ ސިމެންތިޖަހައި ހިޔާކުރުމުގެ މަސައްކަތްތައް ނިމިފައިވާއިރު، ސީލިންގު ކުރުމުގެ 24 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމައިފައެވެ. އަދި ޕުޓީ ލުމާއި ކުލަލުމުގެ 12 އިންސައްތަ، ދޮރު ހަރުކުރުމުގެ 13 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައެވެ. 


އެ ހައުސިންގ ޔުނިޓުތަކުގެ ކަރަންޓު ވައިރިންކުރުމުގެ 36 އިންސައްތަ ނިމިފައިވާއިރު ފެންވައިރު ކުރުމުގެ 24 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައެވެ.


އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.


ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު