ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ކަންތައްތަކެއް ކުރަނީ

3 weeks ago

އަފްރާހް

ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.


އެމަނިކުފާނު މިކަންކަން ނިންމެވީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.


އެގޮތުން ނިންމެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ގާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްގީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.


އެގޮތުން ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯންއާއި މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯންއާއި މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން އަދި ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން ވަނީ ކަނޑައަޅުއްވާފައެވެ.


މީގެއިތުރުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަކުރެވޭ މޫދުކޮށީގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ނިންމެވިއެވެ. އަދި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު