ދޭދަރު ރުއިން ގެ ދެވަނަ ޓީޒަރ: ސުޝްމާ ދައްކާލައިފި

2 weeks ago

އަފްރާހް

"މިހާ އުނދަގޫވެގެންނުވާނެ ދޯ އެންމެ މީހަކަށްޓަކައި، އަނބުރާ ފެނު އަޑިއަށް" ދިވެހި ފިލްމު ދޭދަރު ރުއިން ގެ ދެވަނަ ޓީޒަރ ފެށޭތަނުން ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް) ބުނެއެވެ.


އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް އިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ މި ފިލްމުގެ ދެވަނަ ޓީޒަރ ޔޫޓިއުބްގައި އާންމުކޮށްފައިވާއިރު، މި ޓީޒަރ އިން ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ މަންޒަރުތައް ކުރުގޮތަކަށް ދައްކައެވެ.


އެންމެ ހާއްސަ އެއް ކަމަކީ މި ފިލްމުގައި ހިމެނޭ ނޭޕާލުގެ އެކްޓްރެސް ސުޝްމާ ފެނިގެން ދިއުމެވެ.


ދިވެހީންނަށް މަގްބޫލު އުފެއްދުންތަކެއް ގެނެސްދީފައިވާ އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލްގެ މި ފިލްމު މިއަހަރުގެ ނޮވެމްބަރ މަހު ސިނަމާކުރުމަށް ތާވަލުކޮށްފައިވާއިރު، މިއީ ޑައިރެކްޝަންގެ ދާއިރާ އަށް އަލަށް ތައާރަފްވާ އައްޒާމު ޑައިރެކްޓް ކުރާ ފިލްމެކެވެ.


އެކްޝަން ތްރިލަރއެއް ކަމުގައިވާ ދޭދަރު ރުއިން ގެ ލީޑުތަރިންގެ ތެރޭގައި ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް) އާއި ‏މައިހާ އާދަމް ޒާހިރު އާއި ނޭޕާލު ޝުޝްމާ ވެސް ހިމެނެއެވެ.


އައިފިލްމްސް އިން މިހައިތަނަށް ވަނީ މަގްބޫލު ފީޗަރ ފިލްމުތަކެއް ގެނެސްދީފައެވެ. އޭގެތެރޭގައި ބަވަތި، ނީނާ ހިމެނެއެވެ.


މީގެއިތުރުން ކަޒްމިކް އިންޓަރނޭޝަނަލް އިން ނެރުނު ދަރަކަ ސީރީޒަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފައެވެ. އަދި ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ" އަށް ވެސް ބޮޑު އޯޑިއެންސެއް ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު