2 months ago
އިސްލާމީ އުސޫލުން ދޫކުރާ ސަރޓިފިކެޓްސް ކަމަށްވާ ސުކޫކަކީ ފަހަކަށް އައިސް ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މާލީ އިންސްޓްރުމެންޓެކެވެ.
ސުކޫކޫ ހެދިފައިވަނީ އިސްލާމީ ޝަރީއާގެ އޮނިގަނޑާއި ހިލާފުނުވާނެހެން، ރިބާފަދަ އިންޓެރެސްޓް ޕޭމެންޓްސް ނުހިމެނޭގޮތަށް "އެސެޓް ބެކްޑް" ނުވަތަ ހަރުމުދަލެއް ހިމަނައިގެން ހިންގާ މާލީ މުޢާމަލާތެއް ގޮތުގައެވެ. މިއީ އިސްލާމީ ޝަރިޢާގައި އަހައްމިއްޔަތުކަންދޭ އެތިކަލް އިންވެސްޓްމެންޓު އިތުރަށް ފުޅާކޮށް އެއިގެން ސިދާ އަދި ނުސީދާކޮށް ގައުމަށް ލިބޭނެ މަންފާ އިތުރުކުރުމަށް މަގުފަހިވާނެކަމެކެވެ.
ޝަރީޢާ ކޮމްޕްލައިންޓް ނުވަތަ އިސްލާމީ ޝަރިޢަތާއި ހިލާފުނުވާހެން ހެދިފައި ހުންނަ މި ސްޓްރަކްޗަރ އަކީ ތަފާތު އިންވެސްޓަރސް ތެރޭގައި މަގްބޫލުވަމުން އަންނަ އިންސްޓްރުމެންޓެކެވެ. ހާއްސަކޮށް ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމުތަށް އަދި މުސްލިމުން ނިސްބަތުން ގިނަ އެހެން ގައުމުތަކުގައި މަޝްހޫރުވަމުން އަންނަ، ކޮންވެންޝަނަލް ފައިނެންސްގެ ބަދަލުގައި ބޭނުންކުރެވޭ، އޮލްޓަރނެޓިވް އެކެވެ. މިފަދަ އިންކްލޫސިވިޓީއަކީ ގައުމެއްގެ ރައުސްމާލޫ އެކަށީގެންވާ މިސްރާބަކަށް ފޯރުކޮށްދިނުމުގައި އަދި އިންފްރަސްޓްރަކްޗަރ ނުވަތަ ބިނާރާ ބެހޭ މަޝްރޫތަކަށް ހަރަދުކޮށްގެން ދިގު ރާސްތާގައި އިގްތިސާދަށް ފައިދާކުރާނެ ކަންތަކެވެ.
އިންފްރަސްޓްރަކްޗަރ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ސަރުކާރުތަކުންނާއި ވިޔަފާރިތަކުން ސުކޫކު ވިއްކުމަކީ ޢާއްމު ކަމެކެވެ. އެގޮތުން ސުކޫކު ވިއްކައިގެން ލިބޭ ފައިސާ ޓްރާންސްޕޯޓޭޝަން ނެޓްވޯރކް ތަކާއި ހަކަތައިގެ ވަސީލަތްތަކާއި އިޖްތިމާއީ ގެދޮރުވެރިކަން ފަދަ ބޮޑެތި މަޝްރޫއުތަކަށް ބޭނުންކުރަމަށް މަގުފަހިވެއެވެ.
މިއީ ގައުމެއްގެ ރައުސްމާލު ރަނގަޅު ގޮތުގައި ބޭނުން ހިފުމުގެ އިތުރުން ރައްޔިތުންނަށް ލިބެންޖެހޭ އާންމު ނުވަތަ ޕަބްލިކް ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ވަސީލަތެކެވެ.
އާންމުކޮށް ބޭނުންކުރާ (ކޮންވެންޝަނަލް ފައިނެންސްގެ މައްޗަށް ބިނާވާ) ބޮންޑުތައް ދުނިޔޭގެ މާލީ ނިޒާމުގައި ދިމާވާ އެކި ލޮޅުންތަކުން އަސަރުކޮށް އޭގެން އަރައިގަންނަން ޖެހޭ އިރު ސުކޫކުގެ ހާއްސަ ޝަރުތު ތަކާހެދި (މުޢާމަލާތްތައް ހަރު މުދަލަކާއި ގުޅިފައި ހުރުމާއި އެ މުދަލުން ލިބޭ ފައިދާ އިންވެސްޓަރުންނަށް ބެހުންފަދަ ކަންކަމާއި ހެދި) ސުކޫކަކީ ސްޓޭބަލް އިންވެސްޓްމެންޓެއް ގޮތުގައި ބެލެވެއެވެ.
ހާއްސަކޮށް ރާއްޖެފަދަ ކުރިއަރަމުން އަންނަ ގައުމުތަކުގައި މި ސްޓެބިލިޓީ އަކީ މާލީ އަދި ރިއަލް އިކޮނޮމީ ކުރިއެރުމާއި އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމަށް މުހިއްމު ކަމެކެވެ.