2 months ago
ޑާކް ރެއިން އެންޓަރޓެއިންމެންޓުން މިއަހަރު ނެރޭ ދެވަނަ ފިލްމު 'ބިބީ' ގެ ރަސްމީ ޓްރެއިލަރ އާންމުކޮށްފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ސިނަމާކުރާ މި ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ.
މި ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ޝަރަފް އަބްދުﷲ (ޝަރައްޕެ) އާއި މަރިޔަމް މަޖުޖާ (މަޖޫ) ހިމެނޭއިރު، އިތުރުތަރުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން ހާޒިފު އަދި މަރިޔަމް ހަލީމް ވެސް ހިމެނެއެވެ.
މީގެއިތުރުން ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޑާކް ރެއިން އެންޓަރޓެއިންމެންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމު ބިބީގެ ޕްރޮމޯޝަނަލް ލަވަ 'ލާލު' ވެސް މިހާރުވަނީ ޔޫޓިއުބަށް ދޫކޮށްލާފައެވެ.
ޓޯއިގެ މެލޮޑީ އާއި ލިރިކްސް އަދި އޭނާގެ ރެޕް ބައިތަކެއް ވެސް ހިމަނާފައިވާ މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ. މިލަވައިން އަޝްފާ އާއި ޓޯއި އަދި ފިލްމުގެ ބައެއް ތަރިން ފެނެއެވެ.
އޭގެތެރޭގައި މަަރިޔަމް މަޖުދާ (މަޖޫ) އާއި މަލީހާ ވަހީދު (މަލް) އާއި އައިމިނަތު ޝުހާގެ ނެށުންތައް މިލަވައިގާ ހިމެނޭއިރު، ފިލްމުގެ ލީޑް އެކްޓަރ ޝަރަފު އާއާ އެކީ އޭނާގެ އަންހެނުން ޝަހުދާ މަހުމޫދު ވެސް މިލަވައިން ފެނެއެވެ.
ޝަހޫއަކީ ފިލްމުގެ ޑައިރެކްޓަރު އަދި ސްކްރީން ޑައިރެކްޓަރު ވެސް މެއެވެ. "ބިބީ" ގެ މޭކަޕް އާޓިސްޓުގެ ގޮތުގައި ސޭންޑީ ހިމެނޭއިރު، މި ލަވައިގެ ނެށުންތަކާއި ކޮސްޓިއުމްތަކާއި މޭކަޕްކޮށް އަދި ލަވަ ޑައިރެކްޓްކޮށްފައިވަނީ ވެސް ސޭންޑީއެވެ.