ތައިލެންޑު މުބާރާތުގައި ރާއްޖޭގެ ފެތުންތެރިންގެ ގައުމީ ރެކޯޑުތަކެއް

2 months ago

އަފްރާހް

ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑުތަކެއް އައު ކޮށްފިއެވެ.


އެގޮތުން ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އިޒްޔާން ނާޒިމް ވަނީ އައުކޮށްފައެވެ.


އޭނާ މި ރެކޯޑު އައުކުރީ އޭ.އޯ.އެސް.އައި، ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 01.12.85 އިން ރޭސް ނިންމައިގެންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ ޙަސަން އަޝްރަފް އެވެ. އެއީ، 2012 ވަނަ އަހަރު ބޭއްވި 11 ވަނަ ފީނާ ވަރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 01.12.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މީގެއިތުރުން ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް، މުޙައްމަދު ރިޙާން ޝިހާމް އައުކުރީ 00.59.69 އިން ރޭސް ނިންމައިގެންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި 13 ވަނަ ފީނާ ވަރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ވާދަކޮށް ނިޝްވާން އިބްރާޙީމެވެ. މިއިވެންޓު ނިޝްވާން ނިންމާފައިވަނީ 01.00.71 އިންނެވެ.


ހަމަމިއާއެކު އަމްނާ ތަޒްކިޔާ މިރުޞާދު ވަނީ އަންހެނުންގެ ޝޯރޓްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފައެވެ. އޭނާ މިރެކޯޑް އައުކޮށްފައިވަނީ 02.20.65 އިން ރޭސް ނިންމައިގެންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ 2014 ވަނަ އަހަރު ބޭއްވި ފީނާ ސްވިމިންގ ވަރލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 02.28.41 އިން ރޭސް ފުރިހަމަކޮށްގެން އާމިނަތު ޝަޖަން އެވެ. 


ކިޔުންތެރިންގެ ހިޔާލު