100 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު ރިހާން އަނެއްކާ ވެސް އައުކޮށްފި

4 months ago

އަފްރާހް

100 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު ުޙައްމަދު ރިހާން ޝިޙާމް އަނެއްކާ ވެސް އައުކޮށްފިއެވެ.


އޭނާ މި ރެކޯޑު އައުކޮށްފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައެވެ. ރިހާން މި ގައުމީ ރެކޯޑު އައުކޮށްފައިވަނީ މިއިވެންޓުގެ ފައިނަލް ސީ ގައި ވާދަކޮށް، 01.00.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވެސް އޭނާއެވެ. އެއީ ހަމަ މިމުބާރާތުގެ ހީޓްގައި 01.00.73 އިން ރޭސް ނިންމައިގެންނެވެ.


މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި ތިން ވަނަ ގައުމީ ރެކޯޑެވެ. މި މުބާރާތުގައި ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކުރީ 00.54.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީ ވެސް އޭނާ އެވެ. އެއީ މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އެފަހަރު ގައުމީ ރެކޯޑު އައުކޮށްފައިވަނީ 00.55.11 އިންނެވެ.


ކިޔުންތެރިންގެ ހިޔާލު