އެމްއެންއެސްޑީއޭ އެނގެނީ ކިހާވަރަކަށް؟

2 months ago

އަފްރާހް

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމްއެންއެސްޑީއޭ) އޭ ބުނުމުން އެއީ ކީއްކުރާ އިދާރާތެއްތޯ، ނުވަތަ އެ އޮތޯރިޓީގެ ދައުރަކީ ކޮބައިތޯ ސުވާލު އުފައްދާ މީހުން އަޅުގަނދުމެންގެ ތެރޭގައި މަދެއްނޫންނެވެ.


އެހެންކަމުން މި ލިޔުންކޮޅު މި ޚާއްސަކޮށްލަނީ އެމްއެންއެސްޑީއާއި އެތަނުގެ މަސައްކަތްތަކާއި ގުޅޭ ކުރު ތައާރަފަކަށެވެ.


އާދެ! މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް. އެން. އެސް.ޑީ.އޭ) އަކީ ކުރީގެ ޓިވެޓް އޮތޯރިޓީއެވެ. ނަމަވެސް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ނަންބަރު: 2021/7(16 މޭ 2021) ގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުދިނުމުގެ ޤައުމީ ނިޒާމްގެ ދަށުން ޓިވެޓް އޮތޯރިޓީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމްއެންއެސްޑީއޭ) އަށް ބަދަލުކުރިއެވެ. އެމްއެންއެސްޑީއޭ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.


އެމް.އެން.އެސް.ޑީ.އޭ ގެ މަސްޢޫލިއްޔަތުތައް:


(ހ) ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސިޔާސަތުތައް އެކަށައެޅުން.


(ށ) އެޕްރެންޓިސްޝިޕް ނިޒާމް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މަޢުލޫމާތު އެއްކޮށް، ރައްކާކުރުމާއި އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.


(ނ) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕްރޮގްރާމްތަކުގައި ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ވަޒީފާދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި، އެފަރާތްތަކުގެ ޤާބިލްކަން އިތުރު ކުރުމަށް މަސައްކަތްކުރުން.


(ރ) އެންޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި، އެމަޢުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.


(ބ) ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއްނެތި އެއްބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލްވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، މަސައްކަތުގެ ތަޢުލީމާއި ތަމްރީން ދިނުމުގެ ނިޒާމުގެ ތެރެއިން ރިކޮގްނިޝަން އޮފް ޕްރިއަރ ލަރނިންގ ނިޒާމެއް ޤާއިމްކޮށް އެ ނިޒާމް ތަންފީޛުކުރުން؛


(ޅ) މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ ކޮންޕީޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ޓްރެއިނިންގ މެޓީރިއަލް އުފެއްދުމާއި، އެތަކެތި މުރާޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛


(ކ) ކޮންޕީޓެންސީ ސްޓޭންޑަރޑް ތަކުގައި ބަޔާން ކުރާ މިންގަނޑާއި ދަރިވަރުން ހާސިލް ކުރަންޖެހޭ ފެންވަރު ވަޒަންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ހުނަރު ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިއަށް ގެންދިއުން؛


(އ) ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެފަންނުތައް ފާހަގަކޮށް، އެދާއިރާ ތަކުން މީހުން ތަމްރީނު ކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން؛


(ވ) މަސައްކަތުގެ ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކާއި އިމްތިޙާނުދޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ އުސޫލްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރުން؛


(މ) ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވާލުމާއި، އެޕެނަލްތަކުގެ ފަންނީ އެހީގައި ކޮންޕިޓެންސީ ސްޓޭންޑަރޑްތައް ތައްޔާރުކޮށް ސެކްޓަރ ކައުންސިލްތަކަށް ހުށަހަޅައި ފާސްކުރުން؛


(ފ) މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރޭގައި ހިންގާ ތަމްރީނުތަކާއި ޕްރޮގްރާމް ތަކާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފަންނީ ލަފާ ދިނުން؛


(ދ) ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި، ދައުލަތުގެ އިދާރާތަށް ގުޅިގެން މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމް ޤާއިމްކުރުން؛


(ތ) މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮއްދީ، ތަމްރީނު ދޭނެ ފަރާތްތަކާއި، ތަމްރީނު ލިބިގަންނަ ފަރާތްތައް ހޯދުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން؛


(ލ) ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް ފަރުމާކޮށް އެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން؛


(ގ) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްޢޫލިއްޔަތުތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.



ކިޔުންތެރިންގެ ހިޔާލު