ގައުމީ ސަރފިންގ ޓީމުގެ އޮފިޝަލް ސްޕޮންސަރޝިޕް މުއްދަތު ބީއެމްއެލް އިން އިތުރުކޮށްފި

5 months ago

އަފްރާހް

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ހިމެނޭހެން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްފިއެވެ.


މި ޕާޓްނަރޝިޕްގެ ދަށުން، މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެއެވެ.


މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ސަރފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއް ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.


މީގެއިތުރުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސަރފިންގެ އެތުލީޓުންގެ ފަރާތުން ފެންނަ ކަމަށާއި މީގެ ކުރިން ވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށްދީފައި ކަަމަށެވެ.


އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މި ޕާރޓްނަރޝިޕް ދެމެހެއްޓޭކަމީ ލިބޭ އުފަލެއް ކަމަށާއި ގައުމީ ޓީމުތަކަށް ދެއްވާ އެހީއާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތް ނުހަނު އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.


ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާރޓްނަރޝިޕްތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ. 


މީގެއިތުރުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަރޝިޕް ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު