ޑިބްރޭނާ ގެނެސްދިނުމަށް އެދި ރޮނާލްޑޯ އާދޭސް ކުރަނީ!

2 weeks ago

އަފްރާހް

ކެވިން ޑިބްރޭނާ ސައުދީ އަރަބިއާގެ އަލް ނަޞްރު ކުލަބަށް ގެނެސްދިނުމަށް އެކުލަބުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެދެފިއެވެ.


ސައުދީގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރު، ޑިބްރޭނާ އަލް ނަޞްރަށް ގެނެސްދިނުމަށް ޕޯޗުގަލްއާއި އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ ވަނީ ނަޞްރުގެ މެނޭޖުމަންޓުގައި ތަކުރާރުކޮށް އެދިފައެވެ.


"ޑިބްރޭނާ އަކީ މޮޅު މިޑްފީލްޑަރެއް. ދުނިޔޭގެ ލޯތައް ހުއްޓިފައިވާ މޮޅު ކުޅުންތެރިއެއް. އޭނާ ގެނެސްފި ނަމަ އަލް ނަޞްރުވެގެން ދާނީ ސައުދީ ލީގުގައި އެންމެ ވަރުގަދަ އަދި ކާމިޔާބު ޓީމަށް." ރޮނާލްޑޯ އާއި ހަވާލާދީ ސައުދީ ނޫސްތަކުގައި ބުނެފައިވެއެވެ.


އެގައުމުގެ ނޫސްތަކުން މި ވާހަތައް ރިޕޯޓުކޮށްފައިވާއިރު، މެންޗެސްޓަރ ސިޓީގެ ފައިނެންޝަލް އެޑްވައިޒަރު ސްޓެފަން ބޯސޮން ބުނީ ޑިބްރޭނާ ސައުދީ ލީގަށް ދާން ބޭނުން ވެއްޖެ ނަމަ އޭނާއަށް ރިލީޒް ދޭނެކަށެވެ. އެހެންނަމަވެސް އޭނާ ބޭނުންވާ މުސާރައެއް ސައުދީ ލީގުން ނުލިބޭނެ ކަމަށް ސްޓެފަން ބުނެފައިވެއެވެ.


" އެއީ ޑިބްރޭނާގެ އަތްމަތީގައި އޮތް ކަމެއް. އޭނާ ސައުދީ ލީގަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް. ހަމަ ދާންވީ. އެހެން ނަމަވެސް އެ ލީގަށް ދިޔަސް ޑިބްރޭނާ ބޭނުންވާ މުސާރައެއް ނުދޭނެ." ފުޓްބޯލް އިންސައިޑަރ އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ސްޓެފަން ބުންޏެވެ.


ޑިބްރޭނާ އަކީ މިވަގުތު ވެސް ސިޓީގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ސިޓީއާއި އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެކަމަކު އޭނާގެ އެއްބަސްވުން އައުކުރުމާއި މެދު ސިޓީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު