2 months ago
އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތާއި މެދު ކަންބޮޑު ނުވާ ހަމަ އެކަކުވެސް މިއަދު މި ގައުމުގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިވަނީ ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައެވެ. މި ގައުމުގައި މިހާރު ޕްރޮފެޝަނަލް ފުޓްބޯޅައިގެ ފޯރި ނެތިގޮސް ގިނަ ބައެއްގެ ކަންބޮޑުވުން އިންތިހާއަށް މިކަމުގައި އޮތްއިރު، ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުން ވެސް އަންނަނީ މިކަމާއި އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން 2008 ވަނަ އަހަރު ރާއްޖެއަށް ސާފްޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި ހޯދުމުގައި ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އަދި މިހާރު ކޯޗިން ދާއިރާގައި ވެސް ފިޔަޖަމުން އަންނަ އެއް ފަރާތެއް ކަމަށް ވާ ސޮބާހު މުޙައްމަދު (ސޮބާ) އަކީ ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތާއި މެދު އެންމެ ކަންބޮޑުވާ އެއް ފަރާތެވެ، ރާއްޖޭގެ ފުޓުބޯޅަ މިހާރު ވެއްޓިފައިވާ މި އަނދަވަޅުން ސަލާމަތް ކުރުމަށް އެންމެ ބުރަމަސައްކަތެއް ކުރާ އެކަމަށް ހަމަ ޔަގީނުން ވެސް ސޮބާ ވާނެއެވެ.
"ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތާއި މެދު ވަރަށް ދެރަވެ ކަންބޮޑުވަން. އަހަރެން މިހުރީ އެއްވެސް އުޖޫރައަކާއި ނުލައިވެސް، ހިލޭސާބަހަށް ރާއްޖޭގެ ފުޓުބޯޅަ ކުރިން އޮތް ހާލަތަށް ގެނައުމަށް މަސައްކަތް ކުރަން ތައްޔާރަށް،" އެންޓީވީ ގެނެސްދިން ގޭމްލެންސް ޕްރޮގްރާމުގައި ވާހަކަދައްކަމުން ސޮބާ ބުންޏެވެ.
ސޮބާ ބުނީ ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލަކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ ކުޅުންތެރިން ހަމަ އެކަނި ފުޓުބޯޅައަށް ހުސްވެގެން ހުރެވެން ނޯންނަ އެންމެ ބޮޑު މައްސަލައަކީވެސް ފައިސާގެ ދަތިކަމުގެ މައްސަލަތަަކަމަށެވެ.
"ފައިނޭންޝިއަލީ ފުޓުބޯޅައަށް އެހީތެރިކަމެއް އެބަހޯދަން ޖެހޭ. ރާއްޖޭގެ ކޮންމެ އަތޮޅެއްގަ އެބަ އޮވޭ 15 ނޫނީ 16 ރިޒޯޓު. ދާދި ފަހުން އަޅުގަނޑު ރ. އަތޮޅަށް މިދިޔައީ. ރ،އަތޮޅުގަ ވެސް 17 ނޫނީ 18 ރިޒޯޓު. މިސާލަކަށް މީގެތެރެއަށް އަޅުގަނޑު ބުނާނީ ފުޓުބޯޅަ ހިންގަން، މާކެޓް ކުރަން ތިބި ބޭފުޅުންވެސް ކޮންމެވެސް ވަރަކަށް އެބަޖެހޭ އެޕްރޯޗް ކުރަން ވިޔަފާރިވެރިންތަކާއި ދިމާއަށް. ވިޔަފާރިވެރިންވެސް އެބަ ޖެހޭ ކުޅިވަރު ކުރިއަރުވަން، އެ އަތޮޅަކަށް ނިސްބަތްވާ ރިޒޯޓަކުން އެބަޖެހޭ އެ އަތޮޅަކަށް ނިސްބަތްވާ ޓީމުތަކަށް އެހީހޯދަން ދިޔާމަ އެހީވެދޭން." ސޮބާ ބުންޏެވެ.
ސޮބާ އިތުރަށް ބުނީ ސްޕޮންސަރޝިޕަކާއި ނުލައި ނުވަތަ އެ ވިޔަފާރިކުރާ މީހުންގެ އެހީތެރިކަމެއް ނެތި ކަންކަން ކުރަންވެސް އުނދަގޫވާނޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ފުޓުބޯޅައާއި ސްޕޮންސަރޝިޕް ނުވަތަ ވިޔަފށާރިވެރިންގެ އެހީތަކާއި ވަރަށް ބޮޑަށް ގުޅުވާލަން އެބަޖެހޭކަމަށް ސޮބާ ބުންޏެވެ.