ނަފްސީ ދުޅަހެޔޮކަމަކީ ކޮބާ؟

2 months ago

އަފްރާހް

ނަފްސާނީ ސިއްހަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމެވެ. ނަމަވެސް، މިއީ ގިނަ ފަހަރަށް އަޅުގަނޑުމެން އެހާ ސަމާލުކަން ނުދޭ ކަމެކެވެ. ވޯލްޑް މެންޓަލް ހެލްތް ޑޭ އަކީ ނަފްސާނީ ސިއްހަތުގެ މުހިންމުކަން ހަނދާންކޮށްދީ، މިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ބާރުއަޅާ ދުވަހެކެވެ.


ނަފްސާނީ ދުޅަހެޔޮކަމުގެ ސިއްހަތު ނުވަތަ މެންޓަލް ހެލްތަކީ ކޮބައިތޯ ބަލާލާއިރު، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އިން މާނަކުރާ ގޮތުގައި މިއީ "ކޮންމެ މީހަކަށްވެސް އޭނާގެ ޤާބިލިއްޔަތު ދެނެގަނެ، ދިރިއުޅުމުގެ އާންމު ޕްރެޝަރތަކާ ކުރިމަތިލެވި، އުފެއްދުންތެރިކަމާއެކު މަސައްކަތްކޮށް، އަދި އޭނާގެ މުޖުތަމަޢުއަށް ޙިއްސާކުރެވޭ މިންވަރެއްގެ ދުޅަހެޔޮކަމެވެ".


ހަމަ އެހެންމެ، އެމެރިކާގެ ނަފްސާނީ ސިއްޙަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެއް ކަމަށްވާ ޑރ. ކޮރީ ކީއޭސް، ނަފްސާނީ ދުޅަހެޔޮކަން މާނަކުރައްވާފައިވަނީ: "ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ނަފްސާނީ ބަލިތަކުން ސަލާމަތްވެ ހުރުމެއް ނޫނެވެ. މިއީ މީހާގެ އިޙްސާސްތަކާއި، ވިސްނުމާއި އަދި ޢަމަލުތަކުގެ ޖުމްލަ ޙާލަތެކެވެ. މީގެ ތެރޭގައި އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، އަދި ދިރިއުޅުމުގައި މާނައެއް އޮތްކަމުގެ އިޙްސާސް ހިމެނެއެވެ. އަދި މީގެ އިތުރުން، އެހެން މީހުންނާ ގުޅުން ބަދަހިކުރުމުގެ ޤާބިލިއްޔަތާއި، ދިމާވާ ދަތިތަކާ ކުރިމަތިލުމުގެ ހުނަރު ވެސް މީގެ ތެރޭގައި ހިމެނެއެވެ".


މީގެ އިތުރުން އިސްލާމީ ނަޒަރުން ނަފްސީ ދުޅަހެޔޮކަން ބަޔާންކުރައްވާ އިސްލާމީ ނަފްސާނީ ޢިލްމުވެރިއެއްކަމަށްވާ ޑރ. މަލިކް ބަދްރީ ވިދާޅުވެފައިވަނީ "އިސްލާމީ ނަޒަރަކުން ބަލާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ދާއިރާތަކުގެ ފުރިހަމަ ވަޒަންވެރިކަމެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އޮންނަ ގުޅުން ބަދަހިކޮށް، އަމިއްލަ ނަފްސާއި، އާއިލާއާއި އަދި މުޖުތަމަޢުއާ އެކު ހަމަޖެހޭ ގުޅުމެއް ޤާއިމުކުރުމެވެ. މީގެ ތެރޭގައި އީމާންކަމާއި، ތަޤްވާވެރިކަމާއި، ހެޔޮ އަޚްލާޤު އަދި މުޖުތަމަޢުއަށް ފައިދާހުރި ގޮތެއްގައި ޙިއްސާކުރުން ހިމެނެއެވެ. އިސްލާމީ ތަޞައްވުރުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދޭ ކަމެކެވެ".


ނަފްސާނީ ދުޅަހެޔޮކަން ގެއްލިދާ ސަބަބުތަކަށް ބަލާއިރު، ޢިލްމީ ހޯދުންތަކުން ދައްކާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ:


1. ދިގު މުއްދަތަކަށް ދެމިގެންދާ ނަފްސާނީ ޕްރެޝަރު (ސްޓްރެސް)


2. އެކަހެރިވުން އަދި އިޖްތިމާޢީ ގުޅުންތައް މަދުވުން


3. ނިދި މަދުވުން ނުވަތަ ނިދުމުގެ މައްސަލަތައް


4. ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބުން


5. މަސްތުވާތަކެތި ބޭނުންކުރުން


6. ޖިސްމާނީ ގޯނާ ނުވަތަ ނަފްސާނީ ގޯނާއަށް ހުށަހެޅުން (ކެންޑްލަރ އެޓް އަލް، 2011)


ނަފްސާނީ ދުޅަހެޔޮކަން ގެނައުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި:


1. ގަވާއިދުން ކަސްރަތުކުރުން


2. ރަނގަޅު ކާނާ ކެއުން


3. ފުދޭވަރަކަށް ނިދުން


4. އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުން


5. ނަފްސާނީ ޕްރެޝަރު ކުޑަކުރުމުގެ ގޮތުން މެޑިޓޭޝަން ފަދަ ކަންކަން ކުރުން.


6. ބޭނުންވެއްޖެ ހިނދެއްގައި ފަންނީ އެހީތެރިކަން ހޯދުން (ސެގަލް އެޓް އަލް، 2002)


ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާ ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، "ނަފްސާނީ ދުޅަހެޔޮކަމަކީ ޖިސްމާނީ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމުން، ޖިސްމާނީ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ".


ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ. އަމިއްލަ ނަފްސަށާއި، އަޅުގަނޑުމެންގެ ލޮބުވެތި އާއިލާއަށާއި، މުޅި މުޖުތމަޢުއަށް ވެސް މިކަމުގެ މުހިންމުކަން އޮޅުންފިލުވައިދީ، ނަފްސާނީ ދުޅަހެޔޮކަން ޙާޞިލުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ.


އިސްލާމްދީނުގައި ވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ބަޔާންކޮށްދީފައިވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އާލް ޢިމްރާން ސޫރަތުގެ 200 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި ކެތްތެރިވުމުގައި ވާދަވެރިވާށެވެ! އަދި (ޖިހާދުގެ މައިދާނުގައި) ސާބިތުވެ ތިބޭށެވެ! އަދި ﷲ އަށް ތަޤްވާވެރިވާށެވެ! އެއީ ތިޔަބައިމީހުންނަށް ކާމިޔާބު ލިބުމަށްޓަކައެވެ" (އާލު ޢިމްރާން: 200). މި އާޔަތުގައި ކެތްތެރިވުމާއި ސާބިތުކަމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަމާ ސީދާ ގުޅުންހުރި ސިފަތަކެކެވެ.


ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބަލިތަކުން ސަލާމަތްވެ ހުރުމެއް ނޫނެވެ. މިއީ ދިރިއުޅުމުގެ އެކި ދާއިރާތަކުގައި ފުރިހަމަ ގޮތުގައި ބައިވެރިވެ، އުފާވެރިކަމާއެކު ދދިރިއުޅުމެވެ. ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމުން، މީހާގެ މަސައްކަތުގެ ފެެންވަރު ރަނގަޅުވެ، އާއިލީ ގުޅުންތައް ބަދަހިވެ، އަދި މުޖުތަމަޢުއަށް ފައިދާހުރި ގޮތެއްގައި ޙިއްސާކުރެވޭ މިންވަރު އިތުރުވެއެވެ.


ނިންމާލުމުގެ ގޮތުން ދަންނަވާނީ، ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެން އެންމެން ވެސް އަހަމިއްޔަތުކަން ދޭންޖެހޭ ކަމެކެވެ. ވޯލްޑް މެންޓަލް ހެލްތް ޑޭ ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެން ވެސް އަމިއްލަ ނަފްސާއި، އަޅުގަނޑުމެންގެ ލޮބުވެތިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ. މިގޮތުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެކަންކަން ކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ފަންނީ އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ.


އެޑިޓަރުގެ ނޯޓު: މިއީ ނަފްސާނީ ސިއްހަތުގެ ދުޅަހެޔޮ ކަމުގެ ދުވަހާއި ގުޅިގެން އއ. މަތިވެރި، މަތިހާ / ޢަލީ ރަމީޒް، އޮއިވަރުގެ ކިޔުންތެރިންނަށް ދެއްވި ހަދިޔާއެކެވެ.



ކިޔުންތެރިންގެ ހިޔާލު