2 months ago
ދުނިޔޭގެ އެންމެމޮޅު ޓެނިިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރަފޭލް ނަޑާލް، ޓެނިސް ކުޅުން ހުއްޓައިލުމަށް (ރިޓެއަރ) ކުރުމަށް ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ ކުޅުން ހުއްޓާލުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ޑޭވިސް ކަޕަށްފަހުއެވެ. އެ މުބާރާތް އޮންނާނީ ސްޕެއިންގެ މަލާގާގައެވެ.
އުމުރުން 38 އަހަރުގެ ސްޕެއިން ތަރި ނަޑާލް ވަނީ 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައެވެ.
އޭނާ ވަނީ 2008 ވަނަ އަހަރު ބެއިޖިންގ އޮލިމްޕިކްސްގައި ސިންގަލްސް ރަން މެޑަލް ހޯދައި، ރިއޯ އޮލިމްޕިކްސްގައި 2016 ވަނަ އަހަރު ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އޭނާގެ ކެރިއަރގައި 92 އޭޓީޕީ ޓައިޓަލް ހޯދާފައިވާ އިރު، އެންމެ ގިނަ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑު 14 ތައްޓާއެކު އޮތީ ވެސް އޭނާ އަތުގައެވެ.
ދެވަނައަކަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ފިރިހެން ކުޅުންތެރިޔާގެ މަގާމުގައި މިހާރުވެސް ހުރި، ނަޑާލް އަށް ވުރެ ގިނައިން ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ހަމައެކަނި ފިރިހެން ޓެނިސް ކުޅުންތެރިޔަކީ ނޯވަކް ޖޮކޮވިޗެވެ. އޭނާ ވަނީ 24 ގްރޭންޑް ސްލޭމް ތަށި ހޯދާފައެވެ.