ބްރޯޑްކާސްޓް ކަޕް: ސެމީފައިނަލަށް ވީޓީވީ، ޕީއެސްއެމް ނިއުސް، އަސްލު ޓީވީ އަދި އައިސް ޓީވީ

1 week ago

އަފްރާހް

އޮކްޓޯބަރ 11 ވަނަ ދުވަހު ފެށި 'ބްރޯޑްކާސްޓް ކަޕް 2024" ގެ ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެއެވެ.


މި ޓީމުތައް ޔަގީން ވީ އޮކްޓޯބަރ 11 ވީ ހުކުރު ދުވަހުގެ ރޭ ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުތަކަށްފަހުއެވެ. ގްރޫޕް ސްޓޭޖުގައި އެރޭ ކުޅުނު މެޗުތަކުގެ ތެރެއިން ޕީއެސްއެމް ނިއުސް އާއި ބްރޯޑްކޮމް ވާދަކުރާއިރު މެޗު 7 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޕީއެސްއެމް ނިއުސްއެވެ. އަދި ޓީވީއެމް އާއި ވީޓީވީގެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެެވެ.


މީގެއިތުރުން އެސްއެސް ޓީވީ އާއި އައިސް ޓީވީ ބައްދަލުކޮށް އައިސް ޓީވީން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ. އަދި ވަގުތު ޕްލަސް އާއި ބްރޯޑްކޮމް ބައްދަލުކުރި މެޗު ވަގުތު ޕްލަސް އިން ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ.


ޕީއެސްއެމް ނިއުސް އާއި އަސްލު ޓީވީ ވާދަކުރި މެޗު ވެގެންދިޔައީ ގްރޫޕު ސްޓޭޖުގައި މިހައިތަނަށް ފެނުނު އެންމެފޯރިގަދަ މެޗަށެވެ. މި މެޗަށް ނުކުތް އިރު ވެސް މި ދެޓިމަށް ސެމީގެ ޖާގަ ކަށަވަރުވެފައިވީނަމަވެސް ވާދަވެރި ކުޅުމެއް ދެޓީމުން ވެސް ދެއްކިއިރު، 4 ލަނޑު 1 ލަނޑުން ކުރިހޯދީ ޕީއެސްއެމް ނިއުސްއެވެ. އަދި އައިސް ޓީވީ އާއި ޓީވީއެމް ގެ މެޗު 0-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިސް ޓީވީއެވެ.


ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރީ ވީޓީވީ އާއި އެސްއެސްޓީވީ އަކީ ގްރޫޕް ދޭއްގައި ހިމެނޭ ދެޓީމެވެ. މި މެޗު އެއްވަރުވެ، ނުވަތަ އެސްއެސް ޓީވީ މޮޅުވެއްޖެނަމަ، ޓީވީއެމް ސެމީއަށް ދިއުމަށް ފުރުސަތު ލިބެއެވެ. އަދި ވީޓީވީން މޮޅުވެއްޖެނަމަ، ސެމީގެ ޖާގަ ލިބެނީ ވީޓީވީއަށެވެ.


އެހެންކަމުން މި މެޗުގައި ވެސް ދެޓީމުން ހަމަހަމަ ކުޅުމެއް ދެއްކިއިރު، އެސްއެސް ޓީވީން ދެ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި، ވީޓިވީން ވަނީ 3 ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފައެވެ.


މި ނަތީޖާއާއެކު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވީޓީވީ އާއި ޕީއެސްއެމް ނިއުސް އެވެ. މި މެޗު ފަށާނީ އޮކްޓޯބަރ 12 ވާ ހޮނިހިރު ދުވަހު ހެނދުނު 7 ޖަހާއިރުއެވެ. އަދި ދެވަނަ މެޗު ފަށާނީ 8 ޖަހާއިރުއެވެ. މި މެޗުގައި ވާދަކުރާނީ އަސްލު ޓީވީ އާއި އައިސް ޓީވީ އެވެ.


ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.


މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.


ފައިބެއަހަރުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ ފައިނަލުގައި އައިސް ޓީވީގެ މައްޗަށް ކުރި ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު