ބްރޯޑްކާސްޓް ކަޕް: ރަން ބޫޓު ހޯދުމުގެ ފުރުސަތު އެންމެބޮޑީ ފާރިޝް އަށް!

1 week ago

އަފްރާހް

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމަށް ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭއިރު، އެންމެގިނަ ގޯލު ޖަހައިގެން ރަންބޫޓު ލިބުމުގެ ފުރުސަތު އެންމެބޮޑީ އައިސް ޓީވީގެ މުޙައްމަދު ފާރިޝް އާދަމް އަށެވެ.


އޭނާ މިހައިތަނަށް 10 ގޯލު ޖަހާފައިވާއިރު، ދެންމެ އެންމެގާތުން ވާދަކުރަނީ އަސްލު ޓީވީގެ ލައިޒާން މުޙައްމަދުއެވެ. ލައިޒާން 9 ގޯލު ޖަހާފައިވީނަމަވެސް، އަސްލު ޓީވީ ވަނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި އައިސް ޓީވީ އާ ބައްދަލުކޮށް ބަލިވެފައިވާތީ، އޭނާ އަށް އެ ފުރުސަތު ވަނީ ގެއްލިފައެވެ.


އެންމެގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ޕީއެސްއެމްގެ މުހައްމަދު އިބްރާހިމް އާއި ހުސައިން އަމީންއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް 6 ގޯލު ވަނީ ޖަހާފައެވެ.


އެހެންވެ، ފައިނަލު މެޗުގައި މުހައްމަދު އިބްރާހިމް ނުވަތަ ހުސައިން އަމީން ރަންބޫޓު ހޯދަން ބޭނުންނަމަ ފާރިޝް އަށް ގޯލެއް ޖެހުނަނުދީ، ފަސް ގޯލު ޖަހަންޖެހޭނެއެވެ.


ފައިނަލު މެޗު ފަށާނީ މިރޭ 9 ޖަހާއިރުއެވެ. މި މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.


މިއީ ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށްގެން ކުުރިއަށްގެންދާ މުބާރާތެކެވެ.


މި އޮކްޓޯބަރ މަހުގެ 11 އަދި 12 ގައި ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.


މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.


މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.


ފައިބެއަހަރުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ ފައިނަލުގައި އައިސް ޓީވީގެ މައްޗަށް ކުރި ހޯދައިގެންނެވެ. 


ކިޔުންތެރިންގެ ހިޔާލު