ބްރޯޑްކާސްޓް ކަޕްގެ ޗެމްޕިއަންކަން ޕީއެސްއެމް ނިއުސް އިން ހޯދައިފި

1 week ago

އަފްރާހް

ބްރޯޑްކާސްޓް ކަޕްގެ ޗެމްޕިއަންކަން ޕީއެސްއެމް ނިއުސް އިން ހޯދައިފިއެވެ.


އެ ޓީމުން ޗެމްޕިއަންކަން ހޯދީ އޮކްޓޯބަރ 12 ވީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލު މެޗުގައި އައިސް ޓީވީގެ މައްޗަށް 3 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ.


މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުން ދަނޑު ތެމިފައި އޮތުމުގެ ސަބަބުން ކުޅުމުގައި ދަތިތަކެއް ހުރިނަމަވެސް ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.


މި މެޗުގެ ފުރަތަމަ ގޯލު ޖަހާ، ލީޑު ނެގީ ޕީއެސްއެމް ނިއުސް އިންނެވެ. ފުރަތަމަ ހާފުގައި މި ގޯލު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އައްޔަ އެވެ. އަދި ފަހު ހާފުގައި މުޙައްމަދު އިބްރާހިމް (ރޮނާ) ވަނީ އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ.


އެހެންނަމަވެސް ޕީއެސްއެމް ނިއުސްގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ލިބުނު ހިލޭ ޖެހުމަކުން އައިސް ޓީވީގެ މުޙައްމަދު ފާރިޝް އާދަމް ވަނީ ގޯލެއް ޖަހައި، ލީޑު ހަނިކޮށްފައެވެ.


އެކަމަކު ޕީއެސްއެމްގެ ރޮނާ ވަނީ އިތުރު ލަނޑެއް ޖަހައި، އަނެއްކާ ވެސް ލީޑު ފުޅާކޮށްފައެވެ.


ފައިނަލުގެ ފުރަތަމަ ޖާގަ ޕީއެސްއެމް ނިއުސް އިން ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވީޓީވީ އާއި ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން ކުރިހޯދައިގެންނެވެ. އައިސް ޓީވީ ފައިނަލަށް ދިޔައީ އަސްލުު ޓީވީ އާއި ވާދަކޮށް 5 ލަނޑު ދެ ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށްގެން އޮކްޓޯބަރ 11 ވަނަ ދުވަހު ފެށި 'ބްރޯޑްކާސްޓް ކަޕް 2024" އަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބޭއްވި މުބާރާތެކެވެ.


މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރއަކީ އުރީދޫ މޯލްޑިވްސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.


ފައިބެއަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ވާދަކޮށްފައިވާއިރު، ޗެމްޕިއަންކަން ހޯދީ ޔެސް ޓީވީންނެވެ. އެއީ ފައިނަލުގައި އައިސް ޓީވީ ބަލިކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު