އުއްމީދަކީ އަތޮޅުތަކުގެ މީޑިއާތަކުން ވެސް މުބާރާތުގައި ބައިވެރިވެ، ވަނަތައް ހޯދުން: މަރީ

1 week ago

އަފްރާހް

'ބްރޯޑްކާސްޓް ކަޕް' ގައި އަތޮޅުތަކުގެ މީޑިއާތަކުން ވެސް ބައިވެރިވާތަން ފެނުމަކީ ވަރަށްބޮޑަށް ކުރައްވާ އުއްމީދެއް ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ބްރޯޑްކާސްޓް ދުވަހާއި ގުޅިގެން މިއަހަރު ބޭއްވި ފުޓްސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ކުރުވާހަކަފުޅުގައެވެ.


މަރީ ވިދާޅުވީ ފައިބެއަހަރު ތައާރަފްކުރި މި މުބާރާތް ކުރިއަށްގެންދެވޭނެ ކަމާއިމެދު އެންމެފުރަތަމަ ސުވާލު އުފެދުނު ކަމަށާއި އެހެންނަމަވެސް ދެވަނަ މުބާރާތުން އުއްމީދު އާލާވެފައިވާ ކަމަށެވެ.


"އަޅުގަނޑުމެން މިދިޔަ އަހަރު މުބާރާތް ތައާރަފްކުރިއިރު ހިޔެއް ނުކުރަން މާބޮޑު ތަރުހީބެއް ލިބޭނެކަމަކަށް. އެ އަހަރު ބައިވެރިވީ އެންމެ 5 ޓީމު. އެކަމަކު މިއަހަރުގެ މުބާރާތުގައި މިވަނީ 8 ޓީމު ބައިވެރިވެފަ. އެއީ ވަރަށްބޮޑު ކުރިއެރުމެއް." މަރީ ވިދާޅުވިއެވެ.


މީގެއިތުރުން މިފަދަ މުބާރާތްތަކުން ވަރަށް ހުނަރުވެރި ކުޅުންތެރިން ތައާރަފްވާކަން ފާހަގަކުރައްވައި، ވިދާޅުވީ އެފަދަ ގިނަ ފަރާތްތަކެއް މިއަހަރުގެ މުބާރާތުގައި ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.


މަރީ އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި މާލޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ހުޅުވާލާ މުބާރާތެއް ނޫން ކަމަށެވެ. އެހެންކަމުން އަތޮޅުތަކުގައި ހަރަކާތްތެރިވާ މީޑިއާތަކުން ވެސް ކުރިއަށް އޮތް އަހަރުތަކުގައި މި މުބާރާތުގައި ބައިވެރިވެ، ވަނަތައް ހާސިލުކުރާތަން ފެނުމަކީ ކުރައްވާ ވަރަށްބޮޑު އުއްމީދެއް ކަމަށެވެ. އަދި ދެކެވަޑައިގަންނަވާ ވަރަށްބޮޑު ހުވަފެނެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު