ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން އާންމުކޮށްފި

1 week ago

އަފްރާހް

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން އާންމުކޮށްފިއެވެ.


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިދާޅުވީ މިއީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަންޖެހިފައިވާ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް ނުދައްކާ ފަރާތްތައް ކަމަށެވެ.


މިގޮތުން މިހާރު އާންމުކުރައްވާފައިވަީ ހާމަކޮށްފައިވަނީ އެ މުއްދަތުގައި އެފަރާތުން ނުދައްކައިވާ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކްސްގެ ޖުމްލަ އަދަދު 100،000.00 ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ނަންތައް ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.


ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކޮށްފައިވަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ، ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށްފަހު ކަމުގައި މީރާއިން މައުލޫމާތު ދެއްވައެވެ.


މިގޮތުން ޓެކްސް ދެއްކުމުގެ ސުންގަޑީގެ 7 ދުވަސް ކުރިން އޮޓޮމެޓިކް ރިމައިންޑަރ ކޯލެއްދީ، ސުންގަޑީގެ 3 ދުވަސް ކުރިން އަދި ސުންގަޑީގައާއި ސުންގަޑީގެ 3 ދުވަސް ފަހުން ވެސް އެސް.އެމް.އެސް މެދުވެރިކޮށް ހަނދާންކޮށްދީފައިވާނެ ކަމުގައި ހާމަކުރައވައެވެ. އަދި ސުންގަޑީގެ 10 ދުވަސް ފަހުން އެ ފަރާތްތަކަށް ފުރަތަމަ ނޯޓިސް ފޮނުވައި، އެ ނޯޓިސް ފޮނުވިތާ 30 ދުވަސް ފަހުން، އެންފޯސްމަންޓްގެ އިތުރު ފިޔަވަޅުތައް އަޅާނެކަން ބަޔާންކޮށް ފައިނަލް ނޯޓިސް ވެސް ފޮނުވައިފައިވާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.


މީގެއިތުރުން މި މުއްދަތުތަކުގެ ތެރޭގައި އެފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް ދީފައިވާނެ ކަމަށާއި މިފަދަ އެއްބަސް ވުމަކަށް އައިސް، ފައިސާ ދައްކަމުންގެންދާނަމަ އެންފޯސްމަންޓްގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ދީފައިވާނަކަމަށް ވެސް މީރާއިން ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު ނަން ހާމަކުރުމުގެ ކުރިން، އެފަރާތްތަކުން ދައްކަންޖެހޭ ޓެކްސް ދެއްކިފައިނުވަނީ ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކަމުގައިވާނަމަ، އެކަން ބަޔާންކޮށް އެކަމާ ގުޅޭލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ނަންތައް ހާމަ ނުކުރާކަމަށް ވެސް މީރާއިން ބަޔާންކުރެއެވެ.


މީރާއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދީ އެފަރާތްތަކުގެ ޓެކްސް ކޮމްޕްލަޔަންސް ރަނގަޅުކުރުމަށެވެ.


އެގޮތުން ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 44،390 އެސް.އެމް.އެސް، 22,761 ފޯނުކޯލް، އަދި 30,550 ނޯޓިސް ޓެކްސްދައްކާ ފަރާތްތަކަށް ފޮނުވައިފައިވާނެ ކަމުގައި މީރާއިން ވިދާޅުވެއެވެ.


މީގެއިތުރުން ވެސް 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާދެއްކޭނެ ލުއިގޮތްތަށް ހަމަޖައްސައިދީފައިވާނެ ކަމުގައި ވެސް މީރާއިން ހާމަކުރެއެވެ.


ޓެކްސްދައްކާ ފަރާތަތްކުން، ޓެކުހުގެ އިލްތިޒާމްތައް ސުންގަޑިއަށް އަދާކުރަމުންގެންދިއުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު