6 months ago
ރާއްޖޭގައި ފެތުމުގެ ދާއިރާގައި އެންމެ ނަން ހިނގާ ޒުވާން ދެ ފެތުންތެރިންކަމަށްވާ މުޙައްމަދު ރިހާން ޝިހާމް އާއި މުޙައްމަދު އާން ޙުސައިން ދެ ރެކޯޑެއް އައު ކޮށްފިއެވެ.
އެގޮތުން ރީހާން އައުކޮށްފައިވަނީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އޭނާ މި ރެކޯޑު އައުކުރީ 02:22.07 އިން ރޭސް ފުރިހަމަކޮށްގެންނެވެ. ރިހާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައުކުރީ 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް ގައި 02:23.69 ނިންމައިގެން މުބާލް ޢައްޒާމް އިބްރާޙީމްއެވެ.
މީގެއިތުރުން ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު މުޙައްމަދު އާން ޙުސައިން އައު ކުރީ ވެސް 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް ގައެވެ. އޭނާގެ ވަގުތަކީ 00:24.28 އެވެ. އާން ވެސް ވަނީ މިއިވެންޓުން ފައިނަލް ބީ އަށްވެސް ދަތުރު ކޮށްފައެވެ.
50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވެސް އޭނާ އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް ގައެވެ. އެފަހަރު ގައުމީ ރެކޯޑު އާން އައުކުރީ 00:24.34 އިންނެވެ.