އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި

1 week ago

އަފްރާހް

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފިއެވެ.


މިއީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ، ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.


މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ، އިސްލމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި ބައްދަލުކުރެއްވުމަށްފަހުއެވެ.


އެ މަޝްވަރާއަށް ފަހު ރަސްމީ އެކްސް އެކައުންޓުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.


އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރހަަައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ.


އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު