ވޭޕް ކުރުން: ސިއްހަތަށް ނުރައްކާތެރިކަމުގެ ރަނގަބީލުގެ އަޑުގަދަވަނީ

1 week ago

ރަމީޒު

ވޭޕް ކުރުން ނުވަތަ އީ-ސިގިރޭޓަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އާންމުވަމުން އަންނަ ކަމެކެވެ.


ނަމަވެސް، މިކަމުގެ ސަބަބުން ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތަކާއި އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ގިނަ ބަހުސްތަކެއް ކުރެވެމުން ދެއެވެ. އަދި މިކަމަކީ މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މިހާރު ވަރަށް އާންމުވެފައިވާ ނުރައްކާތެރިކަމެކެވެ.


ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސަރވޭއިން ހާމަވާގޮތުގައި ދިވެހިރާއްޖޭގެ ކިޔަވާކުދިންގެ ތެރެއިން 45 އިންސައްތަ ކުދިން ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 17 އިންސައްތަ ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް އެ ރިޕޯޓްގައިވެއެވެ.


ވޭޕް ކުރުމަކީ އިލެކްޓްރޯނިކް ސިނގިރެޓް ނުވަތަ އެހެން ވޭޕިންގ ޑިވައިސްއެއް ބޭނުންކޮށްގެން ނިކޮޓިން އަދި އެހެނިހެން ކެމިކަލްތައް އެކުލެވޭ ދިޔާ އެއްޗެއް ވާފެންޏަކަށް ބަދަލުކޮށް، އެ ވާފެނި ނޭވާލާ ހަށިގަނޑަށް ވެއްދުންކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ހާމަކޮށްފައިވެއެވެ.


ވޭޕަކީ 2003 ވަނަ އަހަރު ޗައިނާގެ ފާމަސިސްޓެއް ކަމަށްވާ ހޮން ލިކް (Hon Lik) އުފެއްދި އެއްޗެކެވެ. އޭނާގެ މައިގަނޑު މަގްސަދަކަށްވީ ސިނގިރޭޓު ބޯ މީހުން އެކަމުން ދުރުހެލިކުރުވުމަށް ބާރުއެޅުމެވެ. ހޮން ލިކްއަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ވަރަށް ބޮޑަށް ދެވިހިފައިވާ މީހެކެވެ. އޭނާ ދުވާލަކު ތިން ފޮށި ސިނގިރޭޓު ނުވަތަ ގާތްގަނޑަކަށް 60 ސިނގިރޭޓު ބޭނުންކުރިއެވެ. މި އާދައިން ދުރުވުމަށް ބޭނުންވެ، އޭނާ ވޭޕް ފަރުމާކުރިއެވެ. ނަމަވެސް، އޭނާގެ މަގްސަދު ހާސިލުނުވެ ސިނގިރޭޓާއި ވޭޕް ދެ އެއްޗަށް ވެސް އޭނާ ދެވިހިފިއެވެ.


ގިނަ ޒުވާނުން ވޭޕް ކުރަނީ ސިނގިރޭޓް ބުއިން ހުއްޓާލަން ނުވަތަ ސިގިރޭޓުން ލިބޭ ގެއްލުމަށްވުރެ ގެއްލުން ކުޑަވާނެކަމަށް ދެކިގެންނެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ވޭޕް ބޭނުން ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާ ދުރުކޮށްދޭ ކަމެއް ނޫން ކަން ދިރާސާތަކުން ދައްކައެވެ.


މިގޮތުން ސިނގިރޭޓު ބުއިން ހުއްޓާލުމަށް ވޭޕް ކުރުން ނުވަތަ އީ-ސިނގިރޭޓުން އެހީވެދޭ ކަމަށް ބުނާ ބުނުމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށާއި އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުން ކޮންޓްރޯލްކޮށް ނުވަތަ ވޭޕް ކުރުން ސަރުކާރުތަކުން މަނާކުރުމުގެ މަސައްކަތް ފަށަންޖެހޭ ކަމަށް ޑަބްލިޔުއެޗްއޯ އިން 2023 ވަނަ އަހަރު ބުނެފައިވެއެވެ.


ވޭޕް ކުރުމުގެ ނުރައްކާތެރިކަން:


ވޭޕް ކުރުމުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ ނުރައްކާތައް ވަރަށް ގިނައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭޕް ކުރާ މީހުންގެ ތެރެއިން 68 އިންސައްތަ މީހުންނަށް ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ކުރިމަތިވެއެވެ. އަދި ވޭޕް ކުރާ ޒުވާނުންގެ ތެރެއިން 30 އިންސައްތަ މީހުންނަށް ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު ތިން ގުނައަށް އިތުރުވެއެވެ. ހަމަ އެހެންމެ، ވޭޕް ކުރުމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު 56 އިންސައްތައަށް އިތުރުވާކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން 2020 ވަނަ އަހަރު ހާމަކޮށްފައިވެއެވެ.


ހަމަ އެހެންމެ، ޔުނިވަރސިޓީ އޮފް ނޯތް ކެރޮލައިނާގެ މަރިސްކޯ ލަންގް އިންސްޓިޓިއުޓްގެ ޕްރޮފެސަރެއް ކަމަށްވާ ރޮބާޓް ޓަރެން ވިދާޅުވާ ގޮތުގައި ވޭޕްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވާކަމާއި، އަދި ޓިއުމަރު ސެލްތައް އިތުރުވެ، ކެންސަރު ޖެހުމަށް ވެސް މަގުފަހިވާ ކަމަށް އެންވައިޔޫގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ.


އެމެރިކާގެ ހާވާޑް ޔުނިވަރސިޓީން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އީ- ސިނގިރޭޓުގައި ހުންނަ ވެނީލާ އާއި، މޭޕަލް އަދި ކޮކޮނަޓް ފަދަ ތަފާތު ފްލޭވަރތައް ގެނައުމަށްޓަކައި ބޭނުން ކުރެވޭ މާއްދާއެއް ކަމަށްވާ ޑައިއެސެޓައިލްގެ ސަބަބުން ނުރައްކާތެރި ޕޮޕްކޯން ލަންގް ބަލި ޖެހުމަށް މަގުފަހިވެއެވެ. ޕޮޕްކޯން ލަންގްސް އަކީ ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ސަބަބުން ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި ނޭވާކުރުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި ހަމަ އެހެންމެ، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވާ ގޮތުގައި ވޭޕުން ފުއްޕާމޭ ފަޅައިގެން ދިއުން ފަދަ ނުރައްކާތެރި ޙާލަތްތައް މެދުވެރިވެރިވެއެވެ.


އިސްލާމްދީނުގައި ވޭޕް ކުރުމާމެދު ދެކޭ ގޮތް:


އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ އެއްވެސް ކަމެއް ކުރުމަށް އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިނުވެއެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް ބަޤަރާގެ 195 ވަނަ އާޔަތުގައި މިކަން ބަޔާންކޮށްފައިވެއެވެ. އެއާޔަތުގެ މާނައިގައިވަނީ " އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! (ސޫރަތުލް ބަޤަރާ: 195). މި އާޔަތުގެ ތަފްސީރުގައި އިމާމު އައް-ޠަބަރީ ވިދާޅުވެފައިވަނީ މިއީ އަމިއްލަ ނަފްސަށް ގެއްލުންދޭ ކޮންމެ ކަމެއް މަނާކުރެއްވި އާންމު އަމުރެއް ކަމުގައެވެ (ތަފްސީރުއް ޠަބަރީ). އަދި އިސްލާމީ ޢިލްމުވެރިންވެސް ވޭޕްކުރުމަކީ ޙަރާމްކަމެއްކަން ބަޔާންކޮށްފައިވެއެވެ. މިގޮތުން ބަލާއިރު ޝައިޚް ޞާލިޙް އަލް-ފައުޒާން ވިދާޅުވެފައިވަނީ ވޭޕް ކުރުމަކީ ސިނގިރޭޓް ބުއިމާ އެއްފަދަ ޙަރާމް ކަމެއް ކަމަށެވެ. ސަބަބަކީ ހަށިގަނޑަށް މީގެ ސަބަބުން ގެއްލުން ލިބޭތީއެވެ. އަދި ޝައިޚް މުޙައްމަދު ޞާލިޙް އަލް-މުނައްޖިދު ވިދާޅުވެފައިވަނީ ވޭޕް ކުރުމަކީ އިސްރާފުކުރުމާއި، ނަފްސަށް ގެއްލުންދިނުމުގެ ގޮތުން ޙަރާމް ކަމެއް ކަމަށެވެ. ދާރުލް އިފްތާ އަލް-މިޞްރިއްޔާއިން ނެރުއްވާފައިވާ ފަތުވާއެއްގައި ބަޔާންކުރައްވާފައިވަނީ ވޭޕް ކުރުމަކީ ސިއްހަތަށް ގެއްލުންހުރި، އަދި މުދާ އިސްރާފުކުރުމުގެ ގޮތުން ޙަރާމް ކަމެއް ކަމަށެވެ.


ނިންމާލަމުން އަޅުގަނޑު ދަންނަވާނީ ވޭޕް ކުރުމަކީ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަމުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން ނޭވާލާ ނިޒާމަށާއި، ހިތަށާއި، އަދި މުޅި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އަދި އިސްލާމީ ނަޒަރުން ބަލާއިރު، ހަށިގަނޑަށް ގެއްލުންދޭ ކޮންމެ ކަމަކީ ޙަރާމް ކަންކަމެއްކަން ބަޔާންކޮށްފައިވާކަމެވެ.


އިސްލާމީ ޢިލްމުވެރިން ވެސް ދެކެވަޑައިގަންނަވަނީ ވޭޕް ކުރުމަކީ ޙަރާމް ކަމެއްގެ ގޮތުގައެވެ. އަދި މިފުރުސަތުގައި މި އަހަރުގެ ޑިސެމްބަރ 15 ގައި ދިވެހިރާއްޖޭގައި ވެސް ވޭޕްކުރުން މަނާކުރުމަށް އަދުގެ ސަރުކާރުން ނިންމަވާ އެކަން އިއުލާންކޮށްފައިވާތީ އެކަމަށް މަރުހަބާ ކިޔަމެވެ.


ކިޔުންތެރިންގެ ހިޔާލު