ވޭޕް މަނާކުރަން ޖެހުނީ އެ ހާލަތަށް އައުމުން

1 week ago

އަފްރާހް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ބޭފުޅުންގެ ތެރެއިން މިފަހަކަށް އައިސް އެންމެ ހިތްވަރުގަދަ އަދި ވަރުގަދަ އަޒުމެއްގައި ހުންނެވި ބޭފުޅަކަށް އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާނެއެވެ.


ހާއްސަކޮށް ރާއްޖޭގައި އިސްލާމު ދީނުގެ ހަމަތައް ދިރުވައި އާލާކޮށް، މުޖުތަމައުގައި ހުރި ނުރަނގަޅު އާދަތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރުމަށް ނިންމެވުމުން އެމަނިކުފާނުގެ ސިޔާސަތުގެ ހަރުދަނާކަން ވަނީ އިތުރަށް ހާމަވެފައެވެ.


ކޮންމެކަމަކީ ވެސް ހައްދެއްގެ ތެރޭގައި ކުރަންޖެހޭ ކަމަކަށްވާއިރު، ވޭޕް މަނާކުރަން ޖެހޭ ހާލަތަށް ދިޔައިމާ އެކަން ވެސް ކުރާންޖެހޭނެތާއެވެ. އެންމެބޮޑަށް މިކަން ކުރަންޖެހެނީ އަޅުގަނޑުމެންެ ތުއްތުކުދިން ނުވަތަ އަންނަންއޮތް ޖީލަށް ވޭޕްގެ ވަބާ ވާސިލުވެއްޖެނަމަ، ކުރިމަތިވާނެ ނުރައްކާ އިންތިހާއެވެ.


ކުޑަކުދިން ސްކޫލަށްދާއިރު، ވޭޕް ކުރުމަށް ބޭނުންކުރާ ސާމާނު ދަބަސްތެރޭގައި ގެންދަނީއެވެ. މީގެތެރޭގައި ގްރޭޑް 6 ނުވަތަ އެއަށްވުރެ ދަށް އުމުރުފުރައިގެ ދަރިވަރުން ވެސް މިކަން ކުރެއެވެ.


ނިކޮޓިން އަކީ ދެވިހިފާ އެއްޗަކަށްވާއިރު، އެހާ ޅަ އުމުރުގައި އެކުދިން ނިކޮޓިން ގައި ޖެހި އަންނާންއޮތް ޖީލު އެ ހުށަހެޅެނީ ހަލާކުގެ ތެރެއަށެވެ. އަދި ޅަ އުމުުރުގެ ކުދީން މިކަމުގެ ތެރެއަށް ވައްދަނީ މި ވިޔަފާރި ފުޅާކޮށް، އަޅުގަނޑުމެންގެ ޅަ ޖީލިތައް ބޮޑު ހަލާކެއްގެ ތެރެއަށް ވައްޓާލުމުގެ ބޭނުމުގައިކަން ކަށަވަރެވެ.


ފްލެވަރ ނިކޮޓިންގެ އިތުރުން ލިކުއިޑް ޑްރަގް ވެސް ވޭޕް ތެރެއަށް އަޅައިގެން ސްކޫލުތަކަށް ގެންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު، މިކަމުގެ ނުރައްކާ އިންތިހާ އަށް ބޮޑުކަން އަމިއްލަ ނަފުސަށް ވިސްނައިލުން ރަނގަޅެވެ.


ސްކޫލަށް ގެންދާ ވޭޕެއް ބަސްޓުވާ ކޮންމެފަހަރަކު މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރެވިދާނެއެވެ. ނަމަވެސް މިކަމަކީ މަސްތުވާތަކެތީގެ ވަބައިގާ ދިވެހި މުޖުތަމައު ޖެއްސުމުގެ ބޭނުމުގައި ކުރަމުން އަންނަކަމެކެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށް ގެންގުޅޭ އުކުޅެކެވެ.


ފައިބެއަހަރު އެކަނި ވެސް ރާއްޖޭގެ ސްކޫލުތަކުގައި ހިންގި އިންސްޕެކްޝަންތަކުގައި 2000 އަށްވުރެ ގިނަ ވޭޕް، ސްކޫލުކުދިންގެ ދަބަސްތަކުން ވަނީ ހޯދާފައެވެ. މިއީ ޖުމްލަކޮށް ބުނާނަމަ، ގިނަ އަދަދެކެވެ. ކޮންމެ ވޭޕަކީ 3 ނުވަތަ 4 ކުދިން ދުންފަތަށް ނުވަތަ މަސްތުވާތަކެއްޗަށް ހުށަހެޅުމަށް ހުޅުވޭ ދޮރެކެވެ.


ކަންމިހެން ހުރިއިރު، ރާއްޖޭގައި ވޭޕް މަނާކުރަން ނިންމިއިރު، ދުންފަތުގެ އެހެނިހެން ބާވަތްތައް ހުޅުވިފައި އޮތުމުން ގިނަބައެއްގެ ކަންބޮޑުވުން ވެސް އެބައޮތެވެ. އަދި ވޭޕް މަނާ ކުރުމަކީ ސިގަރޭޓް ވިއްކާ ކުންފުނިތައް އަޑީގައި އޮވެގެން ކުރުވި ކަމެއް ކަމުގައި ވެސް ދަނީ ބުނަމުންނެވެ. އަދި އެތަކެތި ވެސް މަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަަމަށް ދަނީ ބުނަމުންނެވެ.


މި ފަރާތްތަކުން އެފަދައިން ބުނަމުންދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިކަން އިއުލާން ކުރައްވާފައެވެ. އަދި އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި އިތުރުފިޔަވަޅުތައް އެޅުއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ސަޖޯ

ތިޔަކީ މާ އުރަތްޕެއް ހުރި މީހެއްނޫން. އިންޑިޔާ އައުޓް ޖަހައިގެން އުޅެއުޅަފަ ދެންމެ އެއައީ މޯޑީ އުނގަށް ވަދެ އޮވެފަ. ބެންކުން ޑޮލަރު ނުވިއްކަން ބުނެފަ ފަހުން ބުނީ ބަގާވާތޯ. ވަށަފަރު މީހުން އުންބަށް ޖަހާވާހަކަ އެބުނަނީ ހަމަ ހެޔޮކޮށް.

1 week ago