އުރީދޫ އިން އެއަރ އެމްބިއުލާންސް ހިދުމަތަށް 16 މިލިއަން ރުފިޔާގެ އެހީ

1 week ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ގައުމީ އެއަރ އެމްބިއުލާންސްގެ ހިދުމަތަށް 16 މިލިއަން ރުފިޔާގެ ހާއްސަ މެޑިކަލް އިކުއިޕްމަންޓްތައް ހަވާލުކޮށްފިއެވެ.


އެ ކުންފުނިން ވިދާޅުވީ މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އުރީދޫ މޯލްޑިވްސް އިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.


މީގެއިތުރުން ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރގެ މައިގަނޑު އެއް ތަނބު ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.


އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު 2024 ވަނަ އަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހު ފެށުނު އެއަރ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިންމު ލައިފްލައިނެއްކަން މިހާރު ވެސް ވަނީ ސާބިތުވެފައެވެ.


މިދިޔަ މާޗް މަހު އުރީދޫ އިން ފޯރުކޮށްދިން ޒަރޫރީ ސާމާނަކީ މި ހިދުމަތް ކާމިޔާބުކަމާއެކު ތައާރަފްކުރުމަށް މަގުފަހިކޮށްދިނުމުގައި ވަރަށް މުހިންމު ބެޗެކެވެ. އެއަރ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދެވިފައެވެ.


މި ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އުރީދޫ މޯލްޑިވްސް އިން އެއަރ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ސާމާނު ވަނީ ފޯރުކޮށްދީފައެވެ. ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ މި އައު ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެކެވެ.


ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫއިން އެއަރރ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.


"ރާއްޖޭގެ ސިއްހީ ހިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި." މިނިސްޓަރު ވިދާޅުވިއެވެ.


މީގެއިތުރުން އެހެން ފަރާތްތަކުން ވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި އުރީދޫ ނަމޫނާއަކަށް ބެލުމަށް ވަނީ އެދިވަޑައިގެންފައެވެ.


އުރީދޫގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވީ މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމައްޓަކައި ޕާޓްނަރޝިޕްތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އުރީދޫ އިން ގަބޫލުކުރާ ކަމަށެވެ. އަދި ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށްވުމާއިއެކު، އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތައް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.


"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ސިއްހީ ހިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ޤައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް. " ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.


އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއަރ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. މި އިތުރު އާލާތްތަކާއެކު މި ހިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.


އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު