ވީއައިއޭގެ ޓެކްސީވޭ ތަރައްގީ ކުރުން ޗައިނާ އަށް

1 week ago

އަފްރާހް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.


މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ އެވެ.


ވީއައިއޭގެ ދުވަސްވީ ޓެކްސީވޭ "ޗާލީ" ތަރައްގީކުރުމަށް މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 20 އަހަރުގެ މާސްޓަރޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.


މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް އޮކްޓޯބަރ 15 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން ބައިވެރިވެވަޑައިގެންނެވިއެވެ.


އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވެއި އެވެ.


ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ރަންވޭ ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރ މަހުއެވެ. 2027 ވަނަ އަހަރަށް ނިންމާ އެ މަސައްކަތް ނިމޭއިރު، އެ ރަންވޭއަކީ 3200 މީޓަރުގެ ދިގުމިން ހުންނާނެއެވެ.


ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސަރވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ކ. ފުނަދޫ އާއި ވީއައިއޭ އަދި މާލެ ވަން ޓްރެކް މޮނޮރެއިލުން ގުޅާލުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ބީޔޫސީޖީއާ އެވެ. އެ މަސައްކަތް ހަވާލުކުރީ އޮކްޓޯބަރ 14 ވީ ހޯމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު