2 months ago
އަޅުގަނޑުމެން ހަމަ ކޮންމެ މީހެއްގެ ދުވަހުގެ ބިޒީ ޝެޑިއުލާއެކު ތަފާތު ހިތް ނުތަނަވަސްކަމާއި، ހާސްކަމާއި، މޫޑް ހަރާބު ވުމާއި، މިނޫނަސް ނަފްސާނީ ކޮންމެސް ކަމެއް ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ކުރިމަތިވެއެވެ.
ރާއްޖެއަކީ ދުނިޔޭގައި ދެވަނަ އެއްނެތްފަދަ ފުރިހަމަ ގުދުރަތީ މާހައުލެއްވާ ގައުމަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްވެސް ބޮޑު ނިއުމަތެކެވެ.
ދިރާސާތަކުން ދައްކާގޮތުން ގުދުރަތީ މާހައުލުން އުފާވެރިކަން ހާސިލުކުރުމުގެ ސަބަބުން އިންސާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ފައިދާތަކެއް ކުރެއެވެ.
ޕްރޮފެސަރ ރިޗަރޑް ރައިން އާއި އޭނާގެ އެކުވެރިން 2010 ވަނަ އަހަރު ކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި، ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން މީހުންގެ ހަށިގަނޑުގެ ހަކަތަ އިތުރުވެ، ސްޓްރެސް (ހާސްކަން) ކުޑަވެ، އަދި އުފާވެރިކަން އިތުރުވެއެވެ.
މި ދިރާސާގައި ބައިވެރިވި މީހުން ގުދުރަތީ މާހައުލުގައި މަދުވެގެން 20 މިނިޓު ހޭދަކުރުމުން، އެމީހުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވިކަން ފާހަގަކުރެވުނެވެ. އަދި ޑރ. މެތިއު ވައިޓް ގެ ޓީމުން 2019 ވަނަ އަހަރު 20,000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކޮށްގެންކުރި އެހެން ދިރާސާއަކުން ދައްކާގޮތުގައި، ހަފުތާއަކު މަދުވެގެން ދެގަޑިއިރު ގުދުރަތީ މާހައުލުގައި ހޭދަކުރާ މީހުންގެ ސިއްހަތާއި ދުޅަހެޔޮކަން އެނޫން މީހުންނަށްވުރެ ރަނގަޅުވެއެވެ.
މީގެއިތުރުން ޕްރޮފެސަރ ގްރެގޮރީ ބްރެޓްމެން 2015 ވަނަ އަހަރު ކުރި ދިރާސާއިން ދައްކާގޮތުގައި، ގުދުރަތީ މާހައުލުގައި ހިނގާލުމުން މީހުންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަން އިތުރުވެއެވެ. އަދި ޕްރޮފެސަރ ފްރޭންސިސް ކުއޯ 2017 ގައި ކުރި ދިރާސާ އިން ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން މީހުންގެ ނިދުމުގެ ފެންވަރު ރަނގަޅުވާ ކަމަށް ވެސް ވަނީ ދައްކާފައެވެ. މި ދިރާސާގައި ބައިވެރިވި މީހުން ގުދުރަތީ މާހައުލުގައި ދުވާލަކު 30 މިނިޓު ހޭދަކުރުމުން، އެމީހުންގެ ނިދުމުގެ ފެންވަރު ރަނގަނގަޅުވެ، ނިދުމުގެ ވަގުތު އިތުރުވިކަން ފާހަގަކުރެވުނެވެ.
ޑރ. ނޮއެލް ސްކެމްޕްޓަން 2020 ވަނަ އަހަރު ދިރާސާއިން ދައްކާގޮތުގައި، ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން ކުޑަކުދިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ފައިދާތަކެއް ކުރެއެވެ. މި ދިރާސާއިން ދައްކާގޮތުގައި، އެފަދަ މާހައުލުގައި ކުޅެ އުޅޭ ކުދިންގެ ސަމާލުކަން ދިނުމުގެ ގާބިލުކަން އިތުރުވެ، ހިތްހަމަޖެހުން ވެސް އިތުރުވެއެވެ.
ޑަރހަމް ޔުނިވަރސިޓީ ޕްރޮފެސަރ އޮފް ސައިކޮލޮޖީ ޑރ. ޖޭސަން ސްޓްރެއިޓް ރޯބަރޓްސް، ވިދާޅުވާގޮތުގައި ގުދުރަތީ މާހައުލާ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން އަޅުގަނޑުމެންގެ ސްޓްރެސް ކުޑަވެ، މޫޑު ރަނގަޅުވެ، އަދި އުފާވެރިކަން އިތުރުވެއެވެ.
މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އުފާވެރި ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ކަމެކެވެ. ގުދުރަތީ މާޙައުލާ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންގެ ދުޅަހެޔޮކަމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
އެހެންކަމުން އަހަރުމެން ކުރެ ހަމަ ކޮންމެ މީހަކު ވެސް ދުވަހުގެ ބިޒީ ޝެޑިއުލާއެކު ކުރިމަތިވާ ނަފްސާނީ ހާސްކަމާއި، ކަންބޮޑުވުމާއި ހިތް ނުތަނަވަސްކަން ފިލުވާލުމަށް ގެއިން ބޭރަށް ނިކުމެލާ ޖައްވުގެ ތާޒާވަޔާއި، ޤުދުރަތީ ހިތްގައިމުކަމާމެދު ވިސްނާ ފިކުރުކޮށް ހިތަށް ހަމަ ޖެހުމެއް ހޯދައިދޭ ބަޔަކަށް ވަމާތޯ އެވެ.