އޮކްޓޯބަރ 16: ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް

1 week ago

ރަމީޒު

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަ ކުރާ ބައިނަލް އަޤްވާމީ ކާބޯތަކެތީގެ ދުވަހެވެ. މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރެވެއެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށިފައިވަނީ އެކުވެރި ދައުލަތްތަކުގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ (އެފްއޭއޯ) 1945 ގައި އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. 


މިގޮތުން އެންމެ ފުރަތަމަ މިދުވަސް ފާހަގަކޮށްފައިވަނީ 1979 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުގައެވެ.


މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބަނޑުހައިހޫނުކަން ނައްތާލުމާއި، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، އަދި މިކަންކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައެވެ.


ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) އިން މި އަހަރުގެ ކާބޯތަކެއްޗާއިބެހޭ ދުވަހު ކަނޑައަޅާފައިވާ ޝިޢާރަކީ

" Right to foods for a better life and a better future " ރަނގަޅު ދިރިއުޅުމަކަށާއި ރަނގަޅު މުސްތަޤްބަލަކަށް ކާބޯތަކެތި ލިބުމުގެ ޙައްޤު" އެވެ. މި ޝިޢާރުން ބާރުއަޅަނީ ކާބޯތަކެއްޗަކީ އިންސާނީ އަސާސީ ޙައްޤެއްގެ ގޮތުގައި ދެކުމުގެ މުހިންމުކަމެވެ.


މިދުވަސް ފާހަގަކުރުމުގެ މުހިންމު ސިފަތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.


ބަނޑުހައިހޫނުކަން ނައްތާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިވުމާއި، ޞިއްޙަތަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކެއުމުގެ މުހިންމުކަން ހާމަކުރުމާއި، އަދި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށް ސަމާލުކަން ގެނައުމާއި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކާއި އާ ޓެކްނޮލޮޖީތަކަށް ބާރުއެޅުމުގެ މުހިންމުކަމާއި، އަދި ކާބޯތަކެތީގެ އިސްރާފު މަދުކުރުމާއި ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކުރުމަށް ހިތްވަރުދިނުމާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަނޑުވެރިންނާއި ކާބޯތަކެތީގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަސައްކަތް ފާހަގަކުރުމާއި، އަދި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ބާރުއެޅުމާއި، އަދި މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިވެ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ މުހިންމުކަން ހަނދާންކޮށް، މި ދާއިރާއިން ކުރިއެރުން ހޯދުމަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހެދުމެވެ.


ކާބޯތަކެތީގެ ދުވަސް އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފާހަގަކުރަން ފެށިފައިވަނީ ނަވާރަ ސަތޭކަ އަށްޑިހާގެ ކުރީކޮޅުގައެވެ. މިދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރަކު ސަރުކާރުން ވަކި ރަށެއް ކަނޑައަޅާ އެރަށެއްގައި ކުލަގަދަކޮށް މިދުވަސް ފާހަގަކުރަމުން އައިސްފައިވެއެވެ. މިގޮތުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކާބޯތަކެތީގެ މައުރަޒުތައް މުޅި އަތޮޅާއި އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމާއި، ތަފާތު ކާބޯތަކެއްޗާއި ބެހޭ ފޮތްތައް ނެރުމާއި، ކާބޯތަކެއްޗާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ވޯކްޝޮޕްތަކާއި ސެމިނާތައް ބޭއްވުމާއި އަދި ތަފާތު ކުޅިވަރު ޙަރަކާތްތައް ބޭއްވުންފަދަ ކަންކަން ކުރަމުން އައިސްފައިވެއެވެ.


މިގޮތުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއް ބޭއްވިފައިވަނީ ބ. ދަރަވަންދޫގައިކަމަށް ބުނެވެއެވެ. އަދި ދަރަވަންދޫގައި އެގްރިކަލްޗަރ މިނިސްޓްރީން ނާސަރީއެއް އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިންގިއެވެ. އަދި ދަރަވަންދޫގައި ކާށި މުޑުވައް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި ފުރަތަމަފަހަރަށް މެލޭޝިޔާ ކާށިގެ މުޑުވައް އާލާކުރިރަށަކީ ވެސް ދަރަވަންދޫ އެވެ.


ނިންމާލަމުން ދަންނަވާނީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އަޅުގަނޑުމެން އެންމެންވެސް ވިސްނާލަންޖެހޭ މުހިންމު ދުވަހެކެވެ. ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ސަރުކާރުން ނުވަތަ ވަކި ބައެއްގެ ޒިންމާއޮތް ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.


އެހެންކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެން އެންމެން ވެސް އަޒުމު ކަނޑައަޅަންވީ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް އޮތް ކޮންމެ ކަމެއް ކުރުމަށެވެ. އޭރުން އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރެވޭނެއެވެ. 


ކިޔުންތެރިންގެ ހިޔާލު