މާލެ ސަރަހައްދުގައި 150 މެގަވޮޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް އެޅުމަށް ޗައިނާ އަށް

2 months ago

އަފްރާހް

މާލެ ސަރަހައްދުގައި 150 މެގަވޮޓުގެ ކަރަްޓު އުފައްދާ އިންޖީނުގެއެއް އަޅަން ނިންމައި، އެކަމުގެ ފަހުމުނާމައިގާ ސްޓެލްކޯ އާއި ޗައިނާގެ ޓީބީއީއޭ ގުރޫޕުން ސޮއި ކޮށްފިއެވެ.


އިންޖީނުގެ އެޅުމުގެ ކުރިން ހަދަންޖެހޭ ޕްލިމިނަރީ ސްޓަޑީތައް ހެދުން ޓީބީއީއޭ ކުންފުންޏާ ހަވާލުކުރުމަށް ސޮއިކުރި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ޓީބީއީއޭ ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޒާންގް ހޮންގް ޒޮންގްއެވެ.


ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މި ފަހުމުނާމާއަކީ ރާއްޖޭގައި ހަކަތަ އުފެއްދުމުގެ ދާއިރާގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެސަބަބުން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށްކުރާ މަސައްކަތަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.


ސްޓެލްކޯ އިން ހާމަކުރައްވާފައިވާ ގޮތުގައި މި ފަހުމުނާމައިގެދަށުން 150 މެގަވޮޓުގެ އިންޖީނުގެ އެޅުމަށް ހަދަންޖެހޭ ޕްރިލިމިނަރީ ސްޓަޑީތައް ނުވަތަ ދިރާސާތައް ހެދުމާއި، ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުމަށް ވަނީ ނިންމާފައެވެ.


މީގެއިތުރުން އެ ކުންފުނިން ވިދާޅުވީ ތިލަފުށީގައި އެޅުމަށް ނިންމާފައިވާ 150 މެގަވޮޓުގެ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ކުރާނީ ވެސް ޓީބީއީއޭ ކުންފުނިން ކަމަށާއި މި އިންޖީނުގެތަކުގައި ބޭނުންކުރާނީ ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޖެނެރޭޓަރުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.


މި އިންޖީނުގެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅީފަޅަށް ވެސް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިން އެޅުމަށް ހަމަޖެހިފައިވަނީ ތިލަމާލޭ ބުރިޖާއެކުގައި ކަމަށެވެ. އަދި މި ލައިނާއެކު ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ ތެރެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީ އަދި ގުޅީފަޅު ގުޅާލެވޭނެކަމަށް ވެސް ވިދާޅުވެއެވެ.


މާލެއާއި ހުޅުމާލެއަށް ސްޓެލްކޯއިން މިހާރު ކަރަންޓު ފޯރުކޮށްދެވެނީ ޖުމްލަ 120 އެއްހާ މެގަވޮޓުގެ ކަރަންޓެވެ.


ކިޔުންތެރިންގެ ހިޔާލު