ދިވެހީންގެ ބޭންކަށް ފުރަތަމަ ފަހަރަށް ދިވެހި ސީއީއޯ އެއް

6 days ago

އަފްރާހް

ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީޚުގައި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ފުރަތަމަފަހަރަށް ދިވެއްސަކު ހަމަޖައްސައިފިއެވެ.


އެ މަގާމަށް ހަމަޖައްސަވާފައިވަނީ އެ ބޭންކުގެ ޑިޕިއުޓީ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަރީފް އެވެ.


ބީއެމްއެލް އިން ވިދާޅުވީ ޝަރީފް، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އޮކްޓޯބަރ 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.


މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވާއިރު، އޭގެތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި ވެއެވެ. އަދި އެ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީތަކުގެ މުގުލުގައި ވެސް ޝަރީފްގެ ހިއްސާބޮޑެވެ.


އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން އެމްބީއޭ ހާސިލްކުރައްވައި، ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް ވެސް ފުރިހަމަކުރައްވާފައި ވެއެވެ. މިއީ ލަންޑަން ބިޒްނަސް ސްކޫލުން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.


ބީއެމްއެލްގެ 42 އަހަރުގެ ދިގު މާޒީގައި ފުރަތަމަ ސީއީއޯގެ މަގާމަށް ޝަރީފް ހަމަޖައްސާފައިވާއިރު، އެ ބޭންކުގެ މަތީ މަގާމުތަކުގައި ބޭރުގައުމުތަކުގެ މީހުން ތިބިއިރު، އެމަގާމުތަަކަށް ކުފޫ ހަމަވާ ދިވެހީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.


އެހެންކަމުން ދިވެހީންގެ އެންމެބޮޑު އުއްމީދަކީ އަދި ދެކޭ ހުވަފެނަކީ ދިވެހީންގެ ބޭންކުގައި ހަމައެކަނި ދިވެހި މުވައްޒަފުން ވަޒީފާއަދާކުރާތަން ފެނުމެވެ.


ކިޔުންތެރިންގެ ހިޔާލު

އަތޮޅޭ

ދިވެހިންގެ ބޭންކަކަށް ވާނީ ވަޒީފާގަ ހުސް ދިވެހިން ތިބީމަ

5 days ago