ގްލޯބަލް ޑޭޓާ ފޯރަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އީޖާދީ ހެޔޮދަލުތަކެއް އައުމަކީ އުއްމީދެއް: ޝިއުރީ

6 days ago

އަފްރާހް

ގްލޯބަލް ޑޭޓާ ފޯރަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮބަދަލުތަކެއް އައުމަކީ ވަރަށްބޮޑު އުއްމީދެއް ކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބަނޑޮހުގައި ކުރިއަށްދާ ގްލޯބަލް ޑޭޓާ ފޯރަމުގައެވެ.


މި ފޯރަމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޝިއުރީ ވަނީ ބަދަލުވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތުގައި ޑޭޓާގެ ބޭނުން ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.


މީގެއިތުރުން މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ވިދާޅުވީ ތަފާސް ހިސާބުގެ ގޮތުގައި އެއްކުރެވޭ މައުލޫމާތުތައް ސިޔާސަތު ކަނޑައެޅުމަށް މުހިންމުވާ ކަމަށެވެ.


ހަމަމިއާއެކު ފަތުރުވެރިކަމުގެ ސިނާއަތް ދުވަހުން ދުވަހަށް ދަނީ ބަދަލުވެ ކުރިއަރަމުންކަން ފާހަގަކުރައްވައި، މިފަދަ ބައްދަލުވުމެއްގެ ތެރެއިން ސިނާއަތަށް ހެޔޮބަދަލުތަކެއް ގެނައުމަށް ޑޭޓާގެ ބޭނުން ހިފާނެގޮތް ދަސްވެ، އިޖާދީ ބަދަލުތަކެއް ސިނާއަތުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ހާއްސަ، ފުރަތަމަ ގްލޯބަލް ޑޭޓާ ފޯރަމުގައި ޓްރިޕް އެޑްވައިޒަރ، ބުކިންގ ޑޮޓްކޮމް، ޑޮޓްކޮމް އަޑާރާ، ޔޫނިއަން ޕޭއި، އަމަޑިއުސް ފަދަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މިއާއެކު 150 ފަރާތެއް ފޯރަމުގައި ބައިވެރިވެފައިވެއެވެ.


ގްލޯބަލް ޑޭޓާ ފޯރަމުގައި ސަރުކާރުގެ އިސްވެރިންނާއި ވުޒާރާތަތަކުންނާއި ކުންފުނިތަކުން ބައިވެރިވެފައެވެ. އަދި މި ފޯރަމުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހު އެޑްވައިޒަރ ފޯ ޓުއަރިޒަމް ޑިވެލޮޕްމެންޓް މުހައްމަދު ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު