ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ދޭހަވާ 14 ކަންތައް (1)

2 months ago

ރަމީޒު

މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ۗ مَا كَانَ لَهُمُ الْخِيَرَةُ ۚ سُبْحَانَ اللَّهِ وَتَعَالَىٰ عَمَّا يُشْرِكُونَ ‎﴿٦٨﴾ މާނައީ: ”ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު (ނަބީކަމަށް) خيار ކުރައްވަތެވެ. އެއުރެންނަކަށް خيار ކުރުމެއް ނެތެވެ. އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވެ މަތިވެރިވެ ވޮޑިގެންވެއެވެ.(ސޫރަތުލް ޤަޞަޞް؛68).


މަތީގައިވާ ޤުރްއާނުގެ އާޔަތުން ސާފުކޮށް އެނގެނީ ﷲ ތަޢާލާ އިރާދަކުރެއްވި ހުރިހާ އެއްޗެއް އެކަލާނގެ ޚަލްޤުކުރެއްވާކަމެވެ. އަދި ހުރިހާ އެއްޗެއް ޚަލްޤުކުރެއްވުމަށްފަހު، އެކަލާނގެ އިޚްތިޔާރުކުރައްވައި، އެއްބައެއް އަނެއްބައެއްގެ މައްޗަށް މާތްކުރެއްވިއެވެ. މިކަން ހިނގަނީ މީސްތަކުންނާއި، ތަންތަނާއި، އަދި އެކަލާނގެ ޚަލްޤުކުރެއްވި ވަގުތުތަކުގައިވެސް މެއެވެ.


މިގޮތުން މާތް ﷲގެ ޙަޟްރަތުގައި ދުވަސްތައް އެއްދުވަސް އަނެއްދުވަހާއި އެއްވަރެއް ނޫނެވެ. އަދި ހަފްތާގެ ނުވަތަ އަހަރުގެ ހުރިހާ ވަގުތެއް އެއްވަރެއް ނޫނެވެ. އެކަލާނގެ އެއް ވަގުތު އަނެއް ވަގުތުގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "إِنَّ لِرَبِّكُمْ فِي أَيَّامِ دَهْرِكُمْ نَفَحَاتٍ، فَتَعَرَّضُوا لَهَا، لَعَلَّ أَحَدَكُمْ أَنْ تُصِيبَهُ نَفْحَةٌ مِنْهَا فَلَا يَشْقَى بَعْدَهَا أَبَدًا" (ރިވާކުރެއްވީ: އިމާމް އައްޠަބަރާނީ: އަލް-މުޢުޖަމުލްކަބީރު: 10362). މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރައްބު، ތިޔަބައިމީހުންގެ ޒަމާނުގެ ދުވަސްތަކުގައި (ރަޙްމަތުގެ) ވައިރޯޅިތަކެއް ފޮނުއްވައެވެ. ފަހެ، ތިޔަބައިމީހުން އެ ވައިރޯޅިތަކަށް ހާޟިރުވާށެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭގެ ވައިރޯޅިއެއް ޖެހި، އޭގެ ފަހުން އެ މީހަކު ދުވަހަކުވެސް ބަދުބަޚްތުވެރި (އެބަހީ: ނަސީބު ނެތްމީހަކަށް) ނުވުމަށްޓަކައެވެ." މިޙަދީޘްގެ ސަރަޙާއިގައި އިމާމް އިބްނު ރަޖަބް އަލް-ޙަންބަލީ (ރަޙިމަހުﷲ) އެމަނިކުފާނުގެ ފޮތް "ލަޠާއިފުލް މަޢާރިފް"ގައި ވިދާޅުވެފައިވަނީ މި ޙަދީޘްފުޅުގައި ބަޔާންކުރެވިފައިވާ ރަޙްމަތުގެ ވައިރޯޅި ފޮނުއްވާ ދުވަސްތަކުގެ ތެރޭގައި ހުކުރު ދުވަސް ހިމެނޭކަމަށެވެ.


ހުކުރު ދުވަހަށް އަރަބި ބަހުން ކިޔަނީ "ޔައުމުލް ޖުމުޢާ" އެވެ. މީގެ މާނައަކީ "އެއްވުމުގެ ނުވަތަ ޖަމާވުމުގެ ދުވަސް" އެވެ.

އިސްލާމްދީން އައުމުގެ ކުރިން، އަރަބިން މި ދުވަހަށް ކިޔަމުން އައީ "އަލް-ޢަރޫބާ" އެވެ. މިއީ ރީތި ދުވަހެއްގެ މާނަ ދޭހަވާ ނަމެކެވެ.

ހުކުރު ދުވަހަށް "ޔައުމުލް ޖުމްޢާ" މިނަން ދެއްވީ ރަސޫލާ ﷺ ގެ ހަތްވަނަ ކާފަފުޅު ކަޢުބު ބިން ލުއައްޔު އެވެ. އިމާމް އިބްނު ޙަޖަރު އަލް-ޢަސްޤަލާނީ (ރަޙިމަހުﷲ) އެމަނިކުފާނުގެ މަޝްހޫރު ފޮތް "ފަތްޙުލް ބާރީ" ގައި ބަޔާންކުރައްވާފައިވެއެވެ. "ހުކުރު ދުވަހަށް އެންމެ ފުރަތަމަ 'އަލް-ޖުމުޢާ' އޭ ނަން ދެއްވީ ކަޢުބު ބިން ލުއައްޔެވެ. އޭނާ މި ދުވަހު އޭނާގެ ޤައުމުގެ މީހުން އެއްކުރައްވައި، އެބައިމީހުންނަށް ޚުޠުބާ ދެއްވައި، މުޙައްމަދުގެފާނު ނަބިއްޔެއްގެ ގޮތުގައި ފޮނުއްވާނެކަން ހަނދާންކޮށްދެއްވައި، އަދި އެކަލޭގެފާނު ފޮނުއްވޭ ހިނދު އެކަލޭގެފާނަށް ތަބަޢަވުމަށް އަމުރުކުރައްވައެވެ (ފަތްޙުލް ބާރީ: ޝަރްޙު ޞަޙީޙިލް ބުޚާރީ: 354).


ހުކުރުދުވަހުގެ މާތްކަން ދޭހަވާ ކަންކަންތަކުގެ ތެރޭގައި:


(1) ހުކުރު ދުވަހަކީ ބަރަކާތުން ފުރިގެންވާ ދުވަހަކަށް ވުން:


ބުޚާރީ އާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނާގައިވެއެވެ. “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ.


(2) ކީރިތި ޤުރްއާނުގެ ސޫރަތަކަށް "އަލް ޖުމްޢާ" ކިޔައި ނަން ދެވިފައިވުން:


މާތް ﷲ ކީރިތި ޤުރުއާނުގައި ހަފުތާގެ ދެ ދުވަހެއްގެ ނަން ބަޔާންކުރައްވާފައިވެއެވެ. އެއީ ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހެވެ. ހުކުރު ދުވަހުގެ ނަން ޞަރީޙަކޮށް ބަޔާންކުރައްވާފައިވަނީ އެންމެ އާޔަތެއްގައެވެ. މާތް ﷲ ހުކުރު ދުވަސް ބަޔާންކުރެއްވުމުގެ އިތުރުން، މުޅި ސޫރަތެއްގެ ނަން ހުކުރު ދުވަހުގެ ނަމުން ކިޔުއްވާފައިވެއެވެ. ކީރިތި ޤުރްއާނުގެ 62 ވަނަ ސޫރަތްކަމަށްވާ ސޫރަތުލް ޖުމުޢާއެވެ. މިކަމުން ދޭހަވަނީ މާތް ﷲ ޙަޟްރަތުގައި މި ދުވަހުގެ މަތިވެރިކަމާއި މުހިންމުކަމެވެ.


(3) ހުކުރު ދުވަހުގެ ނަމުގައި ﷲ ހުވާ ކުރައްވާފައިވުން:


މާތް ﷲ ކީރިތި ޤުރްއާނުގެ ސޫރަތުލް ބުރޫޖްގައި ވަޙީކުރައްވާފައިވެއެވެ. "وَالْيَوْمِ الْمَوْعُودِ ‎﴿٢﴾ މާނައީ: އަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ" މި އާޔަތާ ގުޅޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރެއްވި ހަދީޘެއްގެ މާނައިގައިވެއެވެ. "ވަޢުދުވެވިގެންވާ ދުވަހަކީ ޤިޔާމަތް ދުވަހެވެ. ހެކިވެވޭ ދުވަހަކީ ޢަރަފާ ދުވަހެވެ. އަދި ހެކިވާ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަށްވުރެ މާތް ދުވަހެއްގެ މައްޗަށް އިރު އަރައި ނުވެސް އޮއްސެއެވެ. އެދުވަހުގައި ވަގުތެއްވެއެވެ. އެ ވަގުތުގައި މުއުމިނު އަޅަކު ހެޔޮކަމަކަށް އެދި ދުޢާކޮށްފިނަމަ، ﷲ އެ ދުޢާ އިޖާބަކުރައްވައެވެ. އަދި ނުބައިކަމަކުން ރައްކާތެރިކަމަށް އެދިއްޖެނަމަ، ﷲ އޭނާ ރައްކާތެރިކުރައްވައެވެ." (އިމާމް ތިރްމިޛީ :3339).


(4) ހުކުރު ދުވަހަކީ އާދަމް އަލައިހި ސަލާމާއި މާތް ﷲ ގުޅުން ބަދަހި ކުރެއްވި ދުވަހެއްކަމުގައި ވުން:


އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا، وَلَا تَقُومُ السَّاعَةُ إِلَّا فِي يَوْمِ الْجُمُعَةِ" މާނައީ: އެދުވަހަށް އިރުއިރު ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހު އާދަމްގެފާނު ޚަލްޤުކުރެއްވުނެވެ. އަދި އެ ދުވަހު އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެ ދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ. އަދި ޤިޔާމަތް ޤާއިމްވާނީވެސް ހަމަ ހުކުރު ދުވަހެއްގައެވެ" (މުސްލިމް:854).


(5) ހުކުރުދުވަހަކީ ހަފުތާގެ އެންމެ މާތް ދުވަހަށް ވުން:


މަތީގައި ވާ ޙަދީޘްތަކުގައި އެދުވަހަކަށް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަސްކަން ބަޔާންކޮށްފައިވާނެއެވެ. އަދި މީގެ އިތުރުން، މިދުވަހުގެ މާތްކަން ދޭހަވާ ވަރަށް ގިނަ ޙަދީޘްތައް ވެއެވެ.


ސުބުޙާނަﷲ! (މާތްﷲ ގެ ހުސްތާހިރުވަންތަކަމާއެވެ). ހުކުރު ދުވަހަކީ މިހާ މާތްދުވަހެއްކަން އެނގޭއިރު، ހުކުރު ދުވަހު އަޅުގަނޑުމެން އިތުރަށް ހެޔޮ ޢަމަލުތަކަށް ސަމާލުކަން ދޭންޖެހޭކަމާމެދު ޝައްކެއް ނެތެވެ! އެއީ މީގެ އިތުރަށް ޤުރުއާން ކިޔެވުން ކަމުގައިވިޔަސް، އަދި ނަމާދުތައް ކުރުން ކަމުގައިވިޔަސް، ނުވަތަ ޞަދަޤާތް ދިނުން ކަމުގައިވިޔަސް، ހަފުތާގެ އެންމެ މާތް ދުވަހުގައި އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރުކުރުމަކީ މުހިންމު ކަމެކެވެ.


(6) ހުކުރު ދުވަހަކީ ހަފުތާގެ އީދު ދުވަސްކަމުގައި ވުން:


މުސްލިމުން ހުކުރު ދުވަސް ދެކެނީ ކޮންމެ ހަފުތާއަކު އަންނަ ޢީދު ދުވަހެއްގެ ގޮތުގައެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. عَنْ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِنَّ هَذَا يَوْمُ عِيدٍ جَعَلَهُ اللَّهُ لِلْمُسْلِمِينَ، فَمَنْ جَاءَ إِلَى الْجُمُعَةِ فَلْيَغْتَسِلْ، وَإِنْ كَانَ طِيبٌ فَلْيَمَسَّ مِنْهُ، وَعَلَيْكُمْ بِالسِّوَاكِ" މާނައީ: އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން މިއީ (ހުކުރު ދުވަހަކީ) މުސްލިމުންނަށްޓަކައި މާތް ﷲ ލެއްވި ޢީދު ދުވެހެވެ. ފަހެ، ހުކުރު (ނަމާދަށް) އަންނަ މީހާ ހުންނަވާށެވެ. އަދި އޭނާގެ ގާތުގައި މީރުވަސްދުވާއެއްޗެއް ވާނަމަ، އެ ލައިގަންނާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ލާޒިމުވެގެންވަނީ މިސްވާކު (ދަތްއުޅުން) ބޭނުންކުރުމަށެވެ (އިބުނުމާޖާ:1089).


ނުނިމޭ.......


ކިޔުންތެރިންގެ ހިޔާލު