އޮއިވަރު އަށް 1 – ކިޔުންތެރިންނަށް ޝުކުރިއްޔާ

4 days ago

އަފްރާހް

"އޮއިވަރު މީޑިއާ" ގެ ކުޑަދަށުން ވުޖޫދުވި 'އޮއިވަރު އޮންލައިން' އަަށް އަހަރެއް ފުރުނީއެވެ. މިއީ ވީހާވެސް ހަމަކަމާއެކު، ދެފުށްފެންނަ ޚަބަރާއި މައުލޫމާތު ގެެނެސްދިނުމުގެ މަގްސަދުގައި އުފަންކުރުވި އޮންލައިންއެކެވެ. އަދި އާއިލާގެ ހުރިހައި މެމްބަރުން އެއްޖަމާއަތެއްގައި ތިބެ ކިޔައިލެވޭފަދަ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަކީ ވެސް މަގްސަދެކެވެ.


18 އޮކްޓޯބަރ 2023 ގައި ހީމް މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވި، އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ދަފްތަރުގައި ހިމަނާފައިވާ 'އޮއިވަރު' އިން ހުރިހައި ބާވަތެއްގެ ޚަބަރުތައް ގެނެސްދިނުމުގައި އެއް އަހަރު ފާއިތުވިއިރު، އޭގެތެރޭގައ ސިޔާސީ ޚަބަރުތައް ވެސް ގިނަ އަދަދަކަށް ވާނީ ހިމަނާފައެވެ. ނަމަވެސް މި ހުރިހައި ޚަބަރެއް ވެސް ބައްޓަންކޮށްފައިވަނީ ވަކިފަރާތަކަށް ނުޖެހި، ސިޔާސީ ހުރިހައި ޕާޓީއަކާއި ހުރިހައި ފިކުރެއްގެ ހުރިހައި ކުލައެއް ވެސް ހިމެނިފައިވާނެއެވެ.


މީގެއިތުުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުޅިވަރު ޚަބަރާއި ދުުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުގެ ތެރެއިން ކިޔުންތެރިންނަށް އެންމެބޭނުންވާނޭ ފަދަ ޚަބަރުތަކެއް ވެސް މިހައިތަނަށް ގެނެސްދެވިފައިވާނެއެވެ. އަދި މުނިފޫހިފިލުވުމުގެ ޚަބަރުތައް ވެސް ވާނީ ގެނެސްދެވިފައެވެ.


އަޅުގަނޑުމެންގެ ޓީމުން ކުރަމުން މިދާ މަސައްކަތުގެ ކާމިޔާބީގެ ފަހަތުގައި ތިބީ އަޅުގަނޑުމެންގެ ކިޔުންތެރިން ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން ހުރިހައި ޝުކުރެއް ބަރުތީލަކުރާނީ ވެސް ކިޔުންތެރިންނަށެވެ. އަޅުގަނޑުމެން އަބަދު ވެސް ތިބޭނީ ކިއުންތެރިންނާެކުގައެވެ.


ހަމަމިއާއެކު އެއްވެސް އުޖޫރައެއް ނެތި ތަފާތު އެކި ޚަބަރުތަކާއި ރިޕޯޓު އަދި އެކި މުނާސަބާއާއި ގުޅޭ އެކި ލިޔުންތައް ލިޔެދެއްވާ ލިޔުންތެރީން 'އޮއިވަރު' އަށް އެކަން ކޮށްދެއްވަނީ ހިލޭ ސާބަހަށް އަމިއްލަކަމެއްގެ ގޮތުގައި ދެކިގެން ކަމަށްވާތީ، އެންމެހައި ލިޔުންތެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް އަދާކުރަމެވެ.


'އޮއިވަރު' ގެ އުމުރުން އެއް އަހަރުވެ، ދެވަނަ އަހަރަަކަށް ގުނަން މި ފަށަނީ ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނެތިކަމަށްވީނަމަވެސް 'އޮއިވަރު' އޭގެ ޒާތުގައި ދާނީ ކުރިއަށެވެ. 'އޮއިވަރު' މަޑެއް ވެސް ނުވާނެއެވެ. ދުވަހެއް ދުވަހަކަށް 'އޮއިވަރު' ދާނީ ގަދަވަމުންނެވެ.


އަޅުގަނޑުމެންގެ ޓީމުން އެންމެފުރަތަމަ ދުވަހެކޭ އެެއްފަދައިން މިއަދު ވެސް އަދި މުސްތަގުބަލުގައި ވެސް މަސައްކަތްކުރާނީ ދެފުށްފެންނަ، އާންމު މިންގަނޑާއި ހިލާފުނުވެ، ސުލޫކީ ހަމަތަކުގެ މަތީން ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު