ރަން ތިނެއް ޤުރްއާން މުބާރާތުގެ ކާމިޔާބީ ފާހަގަކޮށްފި

4 days ago

ރަމީޒު

"ރަން ތިނެއް" ގެ ނަމުގައި މަތިވެރި ކައުންސިލުން، ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުލަގަދަ ހަފުލާ އެއް އއ. މަތިވެރީ ބާއްވާފިއެވެ.


މިއީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "އަރިއުތުރު ޤުރްއާން މުބާރާތު"ގެ ވޭދުވެދިޔަ ތިން އަހަރުގެ ފަރުޚުވެރި އެއްވަނަ ކައުންސިލަކަށް މަތިވެރި ކައުންސިލް ހޮވިފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާއެކެވެ.


ހުކުރު ދުވަހުރޭ އެރަށު ފުޓްސަލް ދަނޑުގައި ބޭއްވި މިހަފްލާގައި 2022 އަދި 2023 އަދި މިހިނގާ 2024 މި ތިން އަހަރު މަތިވެރި ކައުންސިލުގެ ޤުރްއާން ޓީމުގައި ހިމެނިގެން އަތޮޅު ޤުރްއާން މުބާރާތުގައި ވާދަކުރި 48 ބައިވެރިއަކަށް އެބައިވެރިން މަތިވެރި ކައުންސިލަށާއި، މަތިވެރި އަށް ހޯދައިދިން ފަޚްރުވެރި ކާމިޔާބީ ފާހަގަކޮށް އެކުދިންގެ އަގުވަޒަންކޮށް ހަދާނީ ހަދިޔާ ދީފައިވެއެވެ.


މުޅި ރަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީގެން ބޭއްވި މިހަފްލާގައި "ރަން ތިން ވަނަ" ހޯދާދިނުމުގައި އެކިގޮތްގޮތުން ކައުންސިލް ޤުރްއާން ޓީމަށް އެހީތެރިކަން ފޯރުކޮށް ދެއްވި އެންމެހައި ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަދާނީ ލިޔުމާއި ހަނދާނީ ހަދިޔާ ދެވިފައިވެއެވެ.


މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާޒްގެ ސްޓޭޓް މިނިސްޓަރ އައްޝެއިޚް ޢަބްދުﷲ ސައުދާން ޝަރަފުވެރި ކޮށްދެއްވި މިހަފްލާގައި އއ.މަތިވެރީގެ ގިނަ ރައްޔިތުން ބައިވެރިވެފައިވެފައިވެއެވެ.


ސްޓޭޓް މިނިސްޓަރ ޝެއިޚް ސައުދާންގެ ވާހަކަފުޅުގައި ޤުރްއާން އުނގެނި އަދި އުނގަންނާދޭ މީހުންނަށް ހުރި ދަރުމައާއި ޘަވާބުގެ މަތިވެރިކަން ފާހަގަކުރެއްވިއެވެ. އަދި ކިތަންމެ ރީއްޗަށް ޤުރްއާން ކިޔަވާ މީހެއްކަމުގައި ވިޔަސް އެހެން މީހެއް ކައިރިން (އެދުރެއް) ކައިރިން ޤުރްއާން އުނގެނި ދަސްކުރުމަށް ނަސޭހަތް ދެއްވާ ޤުދުސީ ޙަދީޘެއްގައި މާތް ﷲ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އުބައްޔު ބުން ކައުބުގެ އަރިހުން ޤުރްއާން އުނގެނި ދަސްކުރުމަށް ވަޙީ ކުރައްވާފައިވާކަން ފާހަގަ ކުރެއްވިއެވެ.


މަތިވެރި ކައުންސިލް ފާހަގަ ކުރެވެނީ ރަށަށް ލިބޭ މިފަދަ ކޮންމެ ކާމިޔާބީއެއް ކުލަ ގަދަކޮށްފާހަގަ ކުރާ ކައުންސިލެއްގެ ގޮތުގައެވެ. އަދި ހާއްސަކޮށް ޤުރްއާނުގެ ޢިލްމު ކުރިއެރުވުމަށްޓަކައި ކައުންސިލުން ބޮޑު ހޭދައެއް ކުރާ ކައުންސިލެއްގެ ގޮތުގައެވެ. މިގޮތުން ކައުންސިލުގެ ފަރާތުން "ރަންތާޖް" ގެ ނަމުގައި އަގުބޮޑު ޤުރްއާން މުބާރާތެއް ވެސް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 


ކިޔުންތެރިންގެ ހިޔާލު