އެމްއޭސީއެލް އިން ސްކޫލްތަކުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި

3 days ago

އަފްރާހް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން "އެމް.އޭ.ސީ.އެލް ކެރިއަރ 2024" ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަށް ގައިޑެންސް ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެމް.އޭ.ސީ.އެލް ގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފެއަރ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޣާޒީ ސްކޫލްގައެވެ.


"އެމް.އޭ.ސީ.އެލް ކެރިއަރ 2024" ގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއަރޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަޤުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުމެވެ.


މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު، އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޣާޒީ ސްކޫލްގެ ފަރާތުން، ޕްރިންސިޕަލް ބަޝީރާ މުޙައްމަދު އަދި ސްކޫލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމް.އޭ.ސީ.އެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.


އެހެން ގިނަ އެއަރޕޯޓުތަކާއި ހިލާފަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ވަކި ރަށެއްގައި ހިންގާ އެއަރޕޯޓެއްކަން ފާހަގަ ކުރައްވަމުން އެމް.ޑީ ވިދާޅުވީ މި ރަށަކީ އެއަރޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ޚިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއް ވެސް ހުރި ތަނެއް ކަމަށެވެ. 


އެހެންކަމުން އެމް.އޭ.ސީ.އެލް އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް އެމް.ޑީ ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ޣާޒީ ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ވިދާޅުވީ ދަރިވަރުން ސްކޫލް ނިންމާއިރު އެކުދިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އެނގިގެން ދިއުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސްކޫލްތަކާއި މުޖުތަމައުއާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށާއި އެމް.އޭ.ސީ.އެލް ކަހަލަ ބޮޑު ކުންފުންޏަކުން މިފަދަ ހަރަކާތެއް ބޭއްވުމަކީ އެ ކުންފުނިން ގައުމު ބިނާކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. 


މީގެއިތުރުން ޕްރިންސިޕަލް ބަޝީރާ ވަނީ މި ފަދަ ފުރުސަތެއް ދަރިވަރުންނަށް ފޯރުކޮށްދިނީތީ އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ.


ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ކޮންމެ ސެޝަނެއްގައި ލަކީޑްރޯއެއް ވަނީ ނަގާފައެވެ. މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމް.އޭ.ސީ.އެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި ފެއަރ ކުރިޔަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބިގެން ދާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު