2 months ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފަށައިފިއެވެ.
މިއީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް އިފްތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވަައުދުފުޅެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެ، ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް އެމް.ޕީ.އެލް އިން ރަސްމީކޮށް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، އެމް.ޕީ.އެލްއިން ވަނީ މި ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދަން ޕްލެޖްގައި ސޮއިކޮށް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤަށް މި ޕްލެޖްގެ ލިޔުން ހަވާލުކޮށްފައެވެ. މި ޕްލެޖްގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ، ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
މި މަސައްކަތުގައި އެމް.ޕީ.އެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން ބައިވެރިވާނެ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި، އެކި ކްލަބު ޖަމިއްޔަތަކާއި ގުޅިގެން އެމް.ޕީ.އެލްއިން ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު މިކަން (އެއް މިލިއަން ގަސް އިންދުމުގެ އަމާޒު) ހާސިލްކުރުން" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.
އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތުގެ ތެރެއިން އެމް.ޕީ.އެލްއިން ވަނީ މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމާފައެވެ.
އަލިބެ ހުޅުމާލެ
އެއްތަނުގައި ހުރި ގަސް ނަގައިގެން ގެންގޮސް އަނެއްތަނުގައި އިންދީމާ 10 މިލިޔަންވެސް ހަމަ ކޮއްލެވިދާނެއެވެ. ތޮޔައި އަނެއް ބޭކާރު ހަރަދެވެ.
2 months ago