ގައުމީ 6 ރެކޯޑެެއް އައުކޮށް ރިހާން އާއި އާން ގައުމީ ތަރިންނަށް

6 months ago

އަފްރާހް

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވެފައި، ރާއްޖޭގެ ކޮންމެ މީހަކީ ވެސް ގާތްގަޑަކަށް ފަތަން ދަންނަ މީހަކަށްވާއިރު، ރާއްޖެއިން ބޭރުގައި އޮންނަ ފެތުމުގެ މުބާރާތްތަކުގައި ރާއްޖެއަށް ވަނައެއް ނުލިބި، ނުވަތަ ގައުމީ ރެކޯޑު އައު ނުކުރެވޭ ވާހަކަ މިހާރުމިވަނީ މާޒީ އަށް ގޮސްފައެވެ.


އެކަމުގެ އެންމެއަލިގަދަ ހެއްކަކީ މެލޭޝިއާގައި މިހާރުކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 އެވެ.


ރާއްޖޭގެ ޒުވާން، އުއްމީދީ ދެ ފެތުންތެރިންކަަމަށްވާ ުޙައްމަދު އާން ޙުސައިން އާއި މުޙައްމަދު ރިޙާން ޝިހާމް އެވެ. އެ ދެ ފެތުންތެރިން މިވަނީ ގައުމީ 6 ރެކޯޑެއް އައުކޮށް ރާއްޖޭގެ ނަން ފަޚުރުވެރިކުރުވާފައެވެ. އަދި ކާމިޔާބީއެއް ނުލިބޭ ވާހަކައާއި ގައުމީ ރެކޯޑު އައު ކުރުމަށް ދުވަސްތަކެއް ނަގާ ވާހަކަ އަށް މި ދެ ފެތުންތެރިން ޢަމަލުން ދައްކުވައިދިނީ ހިތްވަރާއެކު، އަމާޒެއް އޮވެ މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމެވެ.


އެގޮތުން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކުރީ 00.54.46 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުން ފައިނަލް ސީ އަށް އޭނާ ދަތުރުކޮށްފައިވާއިރު، ފައިނަލްގައި އާންގެ ރޭހުގެ ވަގުތަކީ 00.54.75 އެވެ.


100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވެސް އޭނާ އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައި 00.55.11 އިންނެވެ. ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު ރިޙާން ޝިހާމް އައުކުރީ 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 ގެ ވަގުތަކުން އިން ރޭސްނިންމައިގެން، މުބާލް ޢައްޒާމް އިބްރާޙީމެވެ.


މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި 2 ވަނަ ގައުމީ ރެކޯޑެވެ.


މީގެއިތުރުން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު މުޙައްމަދު ރިހާން ޝިޙާމް އައުކޮށްފައިވަނީ 01.00.73 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އޭނާ ވަނީ މި އިވެންޓުން ފައިނަލް ސީ އަށް ވެސް ދަތުރު ކޮށްފައެވެ. 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ ވެސް އޭނާ އެވެ. އެއީ މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައި 01.01.60 އިން ނިންމައިގެންނެވެ.


ހަމަމިއާއެކު ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށް ރިހާން ވަނީ މި އިވެންޓުގެ ފައިނަލް ސީ ގައި ވާދަކޮށް، 01.00.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު މިއަދު ހެނދުނު އައުކުރީ މި މުބާރާތުގެ ހީޓްގައި 01.00.73 އިން ރޭސް ނިންމައިގެންނެވެ. ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ރިހާން މި މުބާރާތުގައި އައުކުރީ 02:22.07 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އޭނާ ވަނީ މމި އިވެންޓުން ފައިނަލް ސީ އަށް ވެސް ދަތުރު ކޮށްފައެވެ.


200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް ގައި މުބާލް ޢައްޒާމް އިބްރާޙީމެވެ. އެފަހަރު މުބާލް ރޭސް ނިންމާފައިވަނީ 02:23.69 އިންނެވެ.


އިތުރު ކާމިޔާބީތަކަށް ބަލާލާއިރު، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާން، އައުކޮށްފައިވަނީ 00:24.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އޭނާ ވަނީ މި އިވެންޓުން ފައިނަލް ބީ އަށް ވެސް ދަތުރު ކޮށްފައެވެ.


50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވާ އާން އެ ރެކޯޑު އައުކުރީ 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް ގައެވެ. އެފަހަރު އޭނާ ރެކޯޑު އާކޮށްފައިވަނީ 00:24.34 އިންނެވެ.


ކިޔުންތެރިންގެ ހިޔާލު