2 months ago
މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފިލްމު އެވޯޑްސް އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގައި އުފައްދާ ދިވެހި ފިލްމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އެވޯޑެކެވެ. އަދި އެ ފަރާތްތައް ކުރިއެރުވުމާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ވާދަވެރި މާހައުލެއްގައި މޮޅު އުފެއްދުންތަކެއް އުފެއްދުމަށް ހިތްވަރު ދިނުމަކީ ވެސް މަގްސަދެއް ކަމުގައި އެމްއެސްޕީއޭ އިން ހާމަކުރެއެވެ.
މި އެވޯޑުގައި 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗަރ ފިލްމުތައް ބައިވެރިކުރެވޭނެ ކަަމަށް އެ ފަރާތުން ބުނެއެވެ.
އެމްއެސްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އެވޯޑު ހަފްލާ ބާއްވާނީ ފެސްޓިވަލަކާއެކު ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން 29 ކެޓަގަރީއަކުން މި އެވޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި އެވޯޑާއި ގުޅޭ އިތުރު މައުލޫމާތު އެމްއެސްޕީއޭ ގެ އެކި މަންސަތަކުން ލިބޭނެކަމަށް ވެސް ބުނެފައި ވެއެވެ.