2 months ago
ހަލަބޮލި ބިޒީ ޝެޑިއުލުގައި އެންމެން އުޅެމުންދާއިރު އެމީހުންންގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާމެދު ހަމަ ކޮންމެ މީހަކު ވެސް ވިސްނައެވެ. އަދި ފަސޭހަކަމާއެކު ބަރުދަން ލުއި ކުރެވޭނެ ގޮތްތަކަކީ ކޮބާތޯ ހަމަ ކޮންމެ ދުވަހަކު ވެސް ބަލަމުން ދެއެވެ.
މިގޮތުން މިފަހަރު މިބަލާލަނީ ވަރަށް އާންމު ގިނަ ބަޔަކު އެއީ ހަގީގަތެއްކަމަށް ދެކިގެން ކުރަމުން އަންނަ ކަމެއްގެ ވާހަކަ ބަޔާންކޮށްދެވޭތޯއެވެ. އާދެ! ލުނބޯ ކޮފީ ނުވަތަ ކަޅުކޮފީ އަށް ލުނބޯ އަޅައިގެން ބުއިންމުން ބަރުދަން ލުއިވޭތަ؟ މިސުވާލުގެ ޖަވާބު ހޯދާ ދެވޭތޯއެވެ؟ އަދި އެއީ ބަރުދަން ލުއިކޮށްދޭ ޖާދޫގެ ބޭހެއްތަ؟ މިވަގުތު ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމުތަކުގައި އަމިއްލަ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ އެފަދަ މާހިރުންގެ ފަރާތުން އެފަދަ ވާހަކަތައް އަޑު އިވެމުން ދެއެވެ.
ކޮފީ ތަށްޓަކަށް ލުނބޯ ޖޫސް އެޅުމަކީ ބަރުދަން ލުއިކުރުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދެއެވެ. އަދި ބަރުދަން ލުއިކުރެވޭނެކަމަށް ބުނާ ކޮންމެ ގޮތަކާއި، ވައިރަލްވަމުންދާ ހަމަ ކޮންމެ ޑައިޓިންގ ފަރުވާގެ ވީޑިއޯތަކެއް ވެސް ވަނީ ދުނިޔޭގެ އެތައް މިލިއަނުން ގުނާލެވޭ ވަރަށް މީހުން ބަލާފައެވެ.
އެހެންވީމާ، ކޮފީއަށް ލުނބޯ އަޅާގެން ބުއިމަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ ސިއްރުތޯ؟ މިސުވާލުގެ ޖަވާބުގައި ރަޖިސްޓަރޑް ޑައިޓީޝަން ބެތް ޒަރްވޮނީ، (އާރްޑީ،އެލްޑީ) މިކަމާއި ބެހޭގޮތުން ބުނެފައިވާ ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ.
ލުނބޯ ކޮފީއަކީ ކޮބާ؟
ލުނބޯ ކޮފީ އަކީ ކޮފީތައްޓަކަށް ލުނބޯހުތް އެޅާގެން ބޯކޮފީއެވެ. މިއީ އިންގްރީޑިއަންޓް ލިސްޓްގައި (ކާތަކެތި ހެދުމަށް ބޭނުންވާ ލިސްޓް) ހިމެނޭއެއްޗެކެވެ. އާންމުކޮށް ބޭނުންކުރާ މިންވަރަކީ ލުނބޯއެއްގެ ދެބައިކުޅަ އެއްބައިގެ ޖޫސް ސާދާ ކޮފީ ތައްޓަކަށް އެޅުމެވެ. މީގެ ރަހަ އެހާ ރަނގަޅެއް ނޫނެވެ. ކެފޭތަކުގެ މެނޫ ބޯޑުތަކުގައި "ލެމަން ކޮފީ" ނުފެންނަ ސަބަބަކީ މިއީކަމަށްވެސް ވެދާނެއެވެ.
ލުނބޯ ކޮފީއިން ބަރުދަން ލުއިވާނެ ކަމަށް ބުނާ ވާހަކަ މިއީ ތެދެއްތަ؟
މި ސުވާލުގެ ޖަވާބު ދޭކަށް އެހާ ފަސޭހައެއް ނޫނެކެވެ. ޑައިޓީޝަން ޒަރްވޮނީ ބުނާ ގޮތުގައި ލުނބޯގައި ޚާއްޞަ ގޮތެއްގައި ބޮޑީފެޓް (ސަރުބީ) އަންދާލެވޭ ބާރެއް ނުހުރެއެވެ. މި މޭވާގެ ރަހަ ގަދަ ޖޫހުގެ ތިކެއް އެޅުމަކުން ކުޑަ ސައިޒެއްގެ ޖީންސްއެއް ލެވޭ ވަރަކަށް ބަރުދަނެއް ލުއި ނުވާނެއެވެ. "އެފަދަ ކަމެއް ހިނގާނެ ގޮތެއް ނެތް،" ޑައިޓީޝަން ޒަރްވޮނީ ބުނެފައިވެއެވެ. "ލުނބޯ ޖޫހުގައި ސަރުބީ އަންދާލާނެ އެއްވެސް އެއްޗެއް ނުވަތަ އެކަން ކުރާނެ ކެމިކަލް ގުޅުމެއް ނުހުރެއެވެ. މާފުކުރައްވާ، އެހާ އެއީ ފަސޭހަކަމެއް ނޫން. ޑައިޓީޝަން ޒަރްވޮނީ ބުނެފައިވެއެވެ.
ސުވާލަކީ އެހެންވީއިރު ކޮފީއަށް ލުނބޯ އެޅުމުން ބަރުދަން ލުއިވާނެ ކަމުގެ ވާހަކަ އައީ ކިހިނެއް ހެއްޔެވެ؟ މިއީ ފެނަށް ލުނބޯ އެޅުމާ ބެހޭ ގޮތުން ކުރިން ދެކެވުނު ވާހަކަތަކާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވެއެވެ. ފެންތަށްޓަކަށް ލުނބޯ ތިއްކެއް އެޅުމަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭނެ ކަމެއްގެ ގޮތުގައި އާންމުކޮށް ބުނެވެއެވެ. ނަމަވެސް މިއީ ލުނބޯގައި ހުންނަ އެއްވެސް ޖާދޫވެރި ބާރެއްގެ ސަބަބުން ވާކަމެއް ނޫނެވެ. މިއީ ފެނުން ބަނޑު ފުރި، އެއްވެސް ކެލެރީއެއް ނުލިބޭތީ ވާކަމެކެވެ. "ފެނުން ބަނޑު ފުރުމުން، ކާހިތްވުމުގެ އިޝާރާތްތައް މަދުވެ، ކެއުމުގެ ޝައުޤު ކުޑަވެއެވެ،" ޒަރްވޮނީ ބުނެފައިވެއެވެ. ކޮފީން ވެސް ހަމަ މިފަދަ ގޮތަކަށް ކާހިތްވުން މަދުކޮށްދެއެވެ. އަދި ހަމައެއާއެކު ކޮފީގައި ހިމެނޭ ކެފައިންގެ ސަބަބުން މެޓަބޮލިޒަމް (ހަޖަމުކޮށް ހަތަކަ އުފެއްދުމަށް) އަވަސްވެއެވެ. ނަމަވެސް ޒަރްވޮނީ ބުނާ ގޮތުގައި ކޮފީ ގިނައިން ބުއިމަކީ ލުނބޯ އެޅިޔަސް އަދިނޭޅިޔަސް ދުޅަހެޔޮ ކާނާގެ ޕްލޭނެއްގެ ބައެއް ނޫނެވެ.
ކޮފީއަށް ލުނބޯ އެޅުމުގެ ފައިދާތަކެއް ހުރޭތަ؟
ލުނބޯގައި ރަނގަޅު ކާނާގެ ބައެއް ސިފަތައް ހުރެއެވެ. ގިނަ ސިޓްރަސް މޭވާތަކެކޭ އެއްފަދައިން، ލުނބޮލަކީ ވިޓަމިން ސީގެ ރަނގަޅު ގިނަ އަދަކަށް ލިބޭ މޭވާއެކެވެ. ލުނބޯގައި ހުންނަ ސިޓްރިކް އެސިޑުން ހަޖަމުކުރުމަށް އެހީވެދީ، ގުރުދާގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދޭނެއެވެ. އަދި ލުނބޯއަކީ ވަކި ބާވަތެއްގެ ރަހައެއްވެސް ލިއްބައިދޭ މޭވާއެކެވެ. "ލުނބޯއަކީ ވަރަށް ރަނގަޅު މޭވާއެއް ، އެކަމަކު ބަރުދަން ލުއިކުރުމުގައި އެއީ ޖާދޫއެއް ނޫނެވެ" އެމެރިކާގެ ކެލެވެލޭންޑް ކްލިނިކްގެ ރަޖިސްޓަރ ޑައިޓީޝަން ޒަރްވޮނީ ބުނެފައިވެއެވެ.
ކޮފީއަށް ލުނބޯ އެޅުމުގެ ނުރައްކާތައް:
ލުނބޯ ޖޫހުގައި ސިޓްރިކް އެސިޑުގެ މިންވަރު މަތިވުމުގެ ސަބަބުން، ޚާއްޞަކޮށް އެސިޑް ރިފްލަކްސް ގެ (ބަނޑުގައި ވައިހެދުމުގެ) މައްސަލަ ހުންނަ މީހުންނަށް، ބައެއް ފަހަރު ހަޖަމު ކުރުމުގައި މައްސަލަ ދިމާވެދާނެއެވެ. އަދި މި އެސިޑުގެ ސަބަބުން، ދިގު މުއްދަތަކަށް އަދި އެކަށީގެންވާ ވަރަށްވުރެ ގިނައިން ބޭނުންކުރާނަމަ ދަތުގެ ހަރު ހިރުގަނޑަށް (ތޫތް އެނަމެލް) އަށްވެސް ގެއްލުން ލިބިދާނެއެވެ. ޑައިޓީޝަން ޒަރްވޮނީ ބުނެފައިވެއެވެ.
އެހެންވީމާ، ލުނބޯ ކޮފީ ބުއިމަކީ ރަނގަޅުކަމެއްތަ؟
މީހުން އަބަދުވެސް ހޯދަމުންދަނީ ކަށްޓާއިން ދައްކާ ނަންބަރަށް ބަދަލު ގެނެސްދޭނެ "އެންމެ ސަޅި ކަމެއް" ކަމެއް ހޯދޭތޯއެވެ. މީގެ ކުރިން ޗިއާ ސީޑްސްއަށް ކުޑަ ވަގުތުކޮޅަކަށް ސަމާލުކަން ލިބުނެވެ. ހަމަ އެފަދައިން އެޕަލް ސައިޑަރ ވިނެގަރ އަދި ގްރޭޕްފްރުޓަށްވެސް މިފަދަ ސަމާލުކަމެއް ލިބިފައިވައިކަމަށް ޑައިޓީޝަން ޒަރްވޮނީ ބުނެފައިވެއެވެ.
މި ބަރުދަން ލުއިކުރުމުގެ ވަގުތީ މޫސުންތައް މީހުން މަޤްބޫލުވާ ސަބަބު އަޅުގަނޑަށް ވިސްނެއެވެ. މިއީ ޤުދުރަތީ އަދި ބަދިގޭގައި ހުންނަ، އަދި ބައެއް ޞިއްޙީ ފައިދާތައް ހުންނަ އުފެއްދުންތަކަށް ބިނާކޮށް ދައްކާ ވާހަކަތަކެކެވެ. އެހެން ނަމަވެސް މިއީ ތަޖުރިބާކޮށް ޔަޤީންކުރެވިފައިވާ ކަންކަމެއްނަމަ، އެންމެން ދިގު މުއްދަތަކަށް މިކަންކަން ކޮށް، ބަރުދަން ލުއިކޮށްފައި ތިބީސް ދޯ؟ އެކަމަކު ޙަޤީޤަތަކީ ބަރުދަން ލުއިކުރުމަށް އެއްވެސް އަވަސް ޙައްލެއް މިހާތަނަށް ހޯދިފައި ނެތް ކަމެވެ." ޑައިޓީޝަން ޒަރްވޮނީ ބުންޏެވެ.
ނިންމާލަކުން އަޅުގަނޑު ބުނެލަން ބޭނުންވަނީ ރީތި ހަށިގަނޑެއް ހޯދުމަށް ނުވަތަ ބަރުދަން ލުއިކުރުމަށް ވިޔަސް ކޮފީއަށް ލުނބޯ އެޅުމަކީ އެކަމުން ބަރުދަން ލުއިކޮށްދޭނެ ނޫންކަމުގައި މިކަމުގެ މާހިރުން ވިދާޅުވެފައިވާކަމެކެވެ.
އެހެންކަމުން ޓިކްޓޮކް، އިންސްޓަގްރާމް، ސޯޝަލް މީޑިޔާ ޓްރެންޑުން ފެންނަ މިފަދަ ކަންތައްތަކުން ދުރުހެލިވެ މިންހެޔޮ ރަނގަޅު ކާނާއާއި ކަސްރަތު ކުރުމަށް ސަމާލުކަން ދިނުން މުހިންމުކަމުގައި ދަންނަވަން ޖެހެއެވެ.
މައުލޫމާތު: ހެލްތް ކެލެވެލޭންޑް ކްލިނިކް