ރިމޯޓު ވީލް ޗެއަރ ގައި އުޅެން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ވާސޯ މެޑިކަލް ސެންޓަރުން ފަށައިފި

2 days ago

އަފްރާހް

ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ރިމޯޓު ވީލް ޗެއަރ ގައި އުޅެން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ވާސޯ މެޑިކަލް ސެންޓަރުން ފަށައިފިއެވެ.


އެ ސެންޓަރުން 'އޮއިވަރު' މައުލޫމާތު ދިން ގޮތުގައި މިއީ އަމިއްލަ ހާލަތަށް ހިނގާއުޅުމަށް މަހްރޫމުވެފައިވާ ކުދިން ލައިގެން ދުއްވާ މެނުއަލް ކޮއްޕާ ވީލްޗެއަރ އިން މޮޓޯ ރިމޯޓު ވީލްޗެއަރގައި އުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކަަމަށެވެ.


މި ޕްރޮގްރާމުގެ ފުރަތަމަބުރު އޮކްޓޯބަރ 10 ން 19 އަށް ކުރިއަށްގެންގޮސްފައިވާއިރު، ދެ ކުއްޖަަކަށް ދަސްކޮށްދީ، އަމިއްލައަށް ރިމޯޓު ގޮނޑީގައި އުޅެން ފަރިތަކޮށްދީފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.


ހުޅުމާލޭ ފޭސް2 ގައި ކުރިއަށްދިޔަ މި ފަރިތަކުރުންތަކުގައި ރިމޯޓް ވީލްޗެއަރ ދުއްވަން ދަސްކޮށްދިނީ ވާސޯ ކްލިނިކްގެ ޓްރެއިނީ ޢަބްދުލް ބާއިސް ޢަލީ އެވެ. އޭނާ އަކީ ވެސް ހާއްސައެހީއަށް ބޭނުންވާ ކުއްޖެކެވެ.


" އެފަދަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބާއިސްގެ ރިމޯޓު ވީލްޗެއަރ ބޭނުންކޮށްގެން ގެންދަނީ މިފަދަ އެހެން ކުދިންގެ ހާލަތު ހުރި ވަރަށްވުރެ ރަނގަޅުކޮށްދިނުމަށް މަސައްކަތްކުރަމުން. އެކުދިިން ވެސް އަމިއްލައަށް ތަންތަނަށް ގޮސްލާ އުޅުމުގެ ނަސީބާ އުފާ ހޯދައިދިނުމަށް މަސައްކަތް ކުރަމުން." ވާސޯ ކްލިނިކުން ބުންޏެވެ.


އެ ކްލިނިކުން އިތުރަށް ބުނީ މިފަދަ އިތުރުބުރެއް ދެން ބާއްވާނީ ވަރލްޑް ޑިސެބިލިޓީ ދުވަސް ކަމަށްވާ ޑިސެމްބަރ 3 ވަނަ ދުވަހު ކަމަށެވެ. އަދި މިކަަމަށް ޝައުވެރިވާ ކުދިން އެ ސެންޓަރުގެ 9536610 ނަމްބަރަށް ވައިބަރ ކުރުމަށް ވަނީ އެދިފައެވެ.


ވާސޯ މެޑިކަލް ސެންޓަރަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ސާބަހަށް ބޭސްފަރުވާގެ ގިނަ ކަންތައްތަކެއް ކޮށްދެމުން އަންނަ ތަނެކެވެ. މޮޓޯ ރިމޯޓު ވީލްޗެއަރގައި އުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ ވެސް މިގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު

އަހުމަދު

ވަރަށް އިންސާނިޔަތު ކަން ދައްކުވައިދޭ ކަމެއް، އަމިއްލަ ހާލަތުގައި ނޫޅެވޭ، ދިރިއުޅުމުގެ ގިނަ ކަންކަމުން މަހުރޫމް ވެފަވާ ފަރާތްތަކަށް މީ ލިބޭ ވަރަށް ވެސް ބޮޑު ނިޔުމަތެއް، މާތް ﷲ ސ.ވ.ތ.އ.ލ. މިފަދަ އިންސާނުން އަހަރެމެންނަށް މިންވަރު ކުރެއްވުން އެއީ ލިބޭ ރަހުމަތެއް، އެ އިންސާނުންނަށް ވެސް އަޅާލުމާ، އޯގާތެރިކަން، ލޯބި ދިނުން އެއީ މާތްﷲ އަށްޓަކާ ކުރެވޭނެ އެންމެ ބޮޑު ހެޔޮ ކަންތައް، امين،،

2 days ago