20 ވަނަ ފެތުމުގެ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ޣިޔާސުއްދީން

1 day ago

އަފްރާހް

ބީ.އެމް.އެލް. ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު ހޮވިއްޖެއެވެ.


ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާފައިވަނީ އޮކްޓޫބަރު 12 ން 17 އަށް ހުޅުމާލޭ ސްވިމިންގ ޕޫލުގައެވެ. އަދި މިމުބާރާތުގައި ފެތުންތެރިން ވާދަކުރި ގިނަ އުމުރުފުރާތަކުން 1 ވަނަ ހޯދައި ޖޫނިއަރ ގުރޫޕް އަދި ސީނިއަރ ގުރޫޕުން އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދައި މުޅި މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދިއިރު، ޖޫނިއަރ ގުރޫޕް އަދި ސީނިއަރ ގުރޫޕުން 2 ވަނަ ހޯދައި މުބާރާތުގެ 2 ވަނަ ސްކޫލުގެ މަޤާމު ހޯދާފައިވަނީ އިސްކަންދަރު ސްކޫލެވެ.


މުބާރާތުގެ ޖޫނިއަރ އޭ ގުރޫޕުގެ އަންހެންކުދިންގެ 1 ވަނަސްކޫލު އަދި ސީނިއަރ ގުރޫޕުގެ އަންހެން ކުދިންނާ ފިރިހެން ކުދިންގެ 1 ވަނަ ހޯދީވެސް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ އޭގެ ފިރިހެން ކުދިންގެ 1 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ އޭގެ އަންހެން ކުދިންގެ 2 ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. ޖޫނިއަރ އޭގެ އަންހެން ކުދިންގެ 3 ވަނަ ސްކޫލަކަށް ހޮވުނީ މުހުޔިއްދީން ސްކޫލެވެ. ޖޫނިއަރ އޭގެ ފިރިހެން ކުދިންގެ 2 ވަނަ ސްކޫލަކަށް ޣާޒީ ސްކޫލު ހޮވުނުއިރު ޖޫނިއަރ އޭގެ ފިރިހެންކުދިންގެ 3 ވަނަ ސްކޫލަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލެވެ.


މިމުބާރާތުގެ ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ 1 ވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ ބީގެ އަންހެންކުދިންގެ 1 ވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ 2 ވަނަ ސްކޫލަކަށް ހޮވުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ ބީގެ އަންހެންކުދިންގެ 2 ވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ 3 ވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެންކުދިންގެ 3 ވަނަ ސްކޫލަކަށް ހޮވުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ.


މުބާރާތުގެ ސީނިއަރ ގުރޫޕުގެ ފިރިހެން 2 ވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެން 2 ވަނަ ސްކޫލަކަށް ހޮވުނީ ކަލާފާނު ސްކޫލެވެ. އަދި ފިރިހެން 3 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަންހެން 3 ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ.


މުބާރާތުގެ އެކި ވަނަތަކަށްދިޔަ ސްކޫލުތަކަށް ތަށްޓާ ސެޓްފިކެޓް ދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ކަސްޓަމަރ ސާވިސް ގުލްނާޒް މާހިރު އާއި ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓަރ ޙުސައިން ރަޝީދެވެ.


މާލޭގެ 21 ސްކޫލަކުން ތަފާތުގެ 5 ޢުމުރުފުރާގައި އަދި އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ (އީ.އޭ.ޑީ) ގުރޫޕް ހިމެނޭހެން 480 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މިމުބާރާތުގައި ފެތުންތެރިން ވަނީ 25،50،100،200 މީޓަރު ފްރީސްޓައިލް ރޭހާއި 25، 50، 100 މީޓަރު ބެކްސްޓްރޯކް ރޭހާއި، 25، 50، 100 މީޓަރު ބްރެސްޓް ސްޓްރޯކް ރޭހުގެ އިތުރުން 25، 50، 100 މީޓަރުގެ ބަޓަފްލައި ރޭހާއި 100، 200 މީޓަރުގެ މިޑްލޭ ރޭހުގެ އިތުރުން ސްކޫލުތަކަށް ޚާއްޞަކޮށް ބޭއްވި ފްރީސްޓައިލް ރިލޭ އަދި މިޑްލޭ ރިލޭ ރޭސްތައް ފުރިހަމަކޮށްފައެވެ.


ބީ.އެމް.އެލް ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑެލްއާއި ތަށި ދިނުމުގެ ރަސްމިއްޔާތު އޮތީ 19 އޮކްޓޫބަރު 2024 ވީ ހޮނިހިރު ދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލުގައެވެ. 


މިރަސްމިއްޔާތުގައި ފެތުންތެރިންނަށް މެޑަލްއާއި ތަށި ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކްރެޑިޓް އާމިނަތު ޝިބާ ޒާހިރު އާއި، ހެޑް އޮފް ބްރާންޗަރސް އެންޑް ސަރވިސް ސެންޓަ ޙުސައިން ރަޝީދުއާއި ހެޑް އޮފް ކަސްޓަމަރ ސަރވިސް ފާޠިމަތު މަލީހާ ޖަމާލު އާއި ޑިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސް ގުލްނާޒް މާހިރު އެވެ.


ކިޔުންތެރިންގެ ހިޔާލު