ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫއު ބައިނަލްއަގްވާމީ ބީލަމަށް

1 day ago

އަފްރާހް

ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫއު ބައިނަލްއަގްވާމީ ބީލަމަށް ހުޅުވާލައިފިއެވެ.


މިމަޝްރޫއު ބީލަމަށް ހުޅުވާލާފައިވަނީ އެރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާއެކު ސޮއިކުރި ފަހުމުނާމާއެއްގެ ދަށުންނެވެ.


އެރަށުގައު ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމުގައި 75 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް، ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް އޮކްޓޯބަރ 21 ވަނަ ދުވަހު ވަނީ ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.


މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް އާއި ބާރަށު ދާއިރާގެ މެންބަރު އަބްރާހީމް ޝުޖާއު ބައިވެރިވެވަދައިގެންނެވިއެވެ. އަދި ޒޫމް މެދުވެރިކޮށް ކައުންސިލުގެ މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އޮކްޓޯބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރު 11 ޖަހާއިރު، ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.


މިނިސްޓްރީން ވިދާޅުވީ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ ޑިސެމްބަރ 5 ވާ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، ޑިސެމްބަރު 4 ވާ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރީން planning@tourism.gov.mv އަށް އީމެއިލް ކުރައްވައިގެން ސާފުކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ބާރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ފަންނީ ހުރިހާ މަސައްކަތެއް ޓޫރިޒަމް މިނިސްޓްރީން ކުރާއިރު، ރާއްޖޭގެ ރަށްރަށުގައި އިކޯ ޓުއަރިޒަމަށް ސަރަހައްދުތައް ތަރައްގީ ކުރުމަކީ ސަރުކާރުން އިސްކަންދޭން ނިންމާފައިވާ ކަމެކެވެ. 


ކިޔުންތެރިންގެ ހިޔާލު