ޑީއެމްއާރްއާރްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނަށް

2 months ago

އަފްރާހް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފިއެވެ.


މި މަހުގެ 25 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގެ ހޮސްޓިންގ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ އެޗްޑީސީއެވެ.


މިއަހަރު ވަނީ އޮފީސް/ރިސޯޓް، ކެޓަގަރީ އަށް ހާއްސަކޮށްގެން 5 ކިލޯމީޓަރުގެ އިވެންޓެއް ވެސް ތައާރަފްކޮށްފައެވެ. މިއީ ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ތައާރަފްކުރި ކެޓަގަރީއެކެވެ.


މި ކެޓަގަރީގައި ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭއިރު، މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށް ވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލިއެވެ.


މީގެއިތުރުން ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމުތައް އެކުލަވާލައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ދިނެވެ.


އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމުލަ ވަގުތަށް ބަލާފައެވެ. އަދި ހުރިހާ މެމްބަރުން ވެސް ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ.


މި ކެޓަގަރީގެ އިނާމުތަކަކީ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރއަޕް ޓީމަށް 8،000 ރުފިޔާ އަދި ދެވަނަ ރަނަރއަޕް ނުވަތަ ތިންވަނަ ޓީމަށް 6،000 ރުފިޔާއެވެ.


ޓީމުތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ ދެ ޖިންސު އެއްކޮށް ބައިވެރިވެ، ދުވުމުގެ ފުރުސަތު ލިބެއެވެ. އެހެންނަމަވެސް އެ ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް އެ ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރި ނުވެވޭނެއެވެ.


މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ތަމްރީނު ދިނުމަށް ކޯޗިންގ ޕާޓްނަރުންގެ ގޮތުގައި ވެސް އެކިފަރާތްތައް ވަނީ ހަމަޖައްސާފައެވެ.


ދިރާގުގެ މި ދުވުމަކީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.


މިއީ ދިރާގުން ބާއްވާ 15 ވަނަ ދުވުމެވެ. މިއަހަރު ވެސް ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ވަނީ ހާއްސަކޮށްފައެވެ.


އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު މިއަހަރު ވެސް ލިބޭނެއެވެ.


މި ދުވުން ކުރިއަށްދާ ވަގުތުގައި ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްގަމު އުޅަނދުތަކަށް ރޭސް ރޫޓްގައި ދުއްވުން މަނާވާނެއެވެ. ފަތިހު 5:00 އިން ހެނދުނު 9:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ރޭސް ރޫޓްގައި ހުއްދަ ދީފައިވާ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދުތަކަށް ނުދުއްވޭނެއެވެ.


ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ޑީ.އެމް.އާރް.އާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެއެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30ގައެވެ.


ކިޔުންތެރިންގެ ހިޔާލު