2 months ago
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ.
މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެއެވެ.
މި މަހާސިންތާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ޗެއަރޕާރޝަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގަންނަވައެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކުރެވިފައިއެވެ. އަދި ޕެނަލް ޑިސްކަޝަންއަކާއި ގްރޫޕް ޑިސްކަޝަންތައް ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުމުގެ މަގްސަދުގައި ބާއްވާ މަހާސިންތާއެއް ކަމުގައި އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.