2 months ago
މި ގައުމުގައި ފަތުރުވެރިކަން ދެމެހެއްޓުމަށް އުފެއްދުންތެރި ގޮތްތައް ބޭނުންކުރަންޖެހޭ ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވް ޓޫރިޒަމް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވަނީ ސިމްޕޯޒިއަމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ ހިޔާލާއި މަޝްވަރާ ބަދަލުކުރުމުގެ ފުރުސަތު ފަހިވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދާއިރާގައި ދިމާވާ ދަތިތައް ދެނެގަނެވި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަންނަން ފަސޭހަވާނެކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 އަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.
މީގެތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެއެވެ.