ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ދޭހަވާ 12 ކަންތައް (2)

1 month ago

ރަމީޒު

ކުރީ ހަފުތާއި ގުޅޭ......


(7). ﷲ ދީން ފުރިހަމަ ކުރެއްވީ ހުކުރު ދުވަހެއްގައިވުން.


ކުރިން ބަޔާންކޮށްފައިވާ ފަދައިން، އަހަރުމެންގެ ބައްޕަ އާދަމްގެފާނު (އާދަމް ޢަލައިހި ސަލާމް) ހެއްދެވުމުގެ މުހިންމު ހާދިޘާ ހިނގާދިޔައީ ހުކުރު ދުވަހެއްގައެވެ. އެހެންނަމަވެސް، ހުކުރު ދުވަހަށް އިލާހީ ގޮތުން ޚާއްޞަ ވެގެންވާ އެތައް މުހިންމު ހާދިޘާތަކެއް ވެއެވެ. މީގެ ތެރޭގައި މި އުންމަތަށް އިސްލާމްދީން ފުރިހަމަ ކުރެއްވުނީ މާތް ވެގެންވާ ހުކުރު ދުވަހެއްކަމުގައި ވުން ހިމެނެއެވެ.


ޠާރިޤު ބިން ޝިހާބު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޔަހޫދީންގެ ތެރެއިން މީހަކު ޢުމަރުގެފާނު (ރަޟިޔަﷲ ޢަންހު) ގެ އަރިހަށް އައިސް ބުންޏެވެ. 'އޭ މުއުމިނުންގެ އަމީރު، މި އާޔަތް ތިމަންމެންނަށް ބާވައިލެއްވިނަމަ "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންގެ ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ" (ކީރިތި ޤުރުއާން: ޢާލްއިމްރާން: 5) (އެހެންވީނަމަ) އަހަރެމެން އެ ދުވަސް ޢީދު ދުވަހެއްގެ ގޮތުގައި ހަދައިފީމުހެވެ". ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. "މި އާޔަތް ބާވައިލެއްވުނު ދުވަސް އަހަރެން ޔަޤީނުންވެސް ދަންނަމެވެ. އެއީ ޢަރަފާ ދުވަހަކަށްވީ ހުކުރު ދުވަހެއްގައެވެ"(ޞަހީހު ބުޚާރީ).


އެހެންކަމުން، އިސްލާމްދީން ފުރިހަމަކުރެވުނީ "ދެގުނަ ޢީދެއް" އޮތް ދުވަހެއްގައެވެ. އެއީ ހުކުރު ދުވަހެވެ. އެއީ މުސްލިމުންނަށް ޢީދެކެވެ. އަދި އެއީ ޢަރަފާ ދުވަސް (ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަސް) ވެސް މެއެވެ. އެއީ ޙައްޖުގައި ތިބޭ މީހުންނަށް ޢީދެކެވެ. އިސްލާމްދީނު ފުރިހަމަކޮށް އަހަރުމެންގެ މައްޗަށް ބާވާލެއްވި ދުވަހަކަށް ހުކުރު ދުވަސްވާތީ މިދުވަސް މުސްލިމުންނަށް ޚާއްޞަ ދުވަހަކަށްވެއެވެ.


(8). ހުކުރު ދުވަހުގައި ދުޢާ ޤަބޫލުކުރައްވާ ވަގުތެއް ވުން.


ކުރިން ބަޔާންކުރެވުނު ފަދައިން، ކޮންމެ ހުކުރު ދުވަހެއްގައި ދުޢާ ޤަބޫލު ކުރައްވާ ވަރަށް ޚާއްޞަ ވަގުތެއް އަންނަކަން އެނގެއެވެ.


އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަބުލް ޤާސިމް (ނަބިއްޔާގެ ކުންޔާ) (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން، ހުކުރު ދުވަހުގައި ވަގުތެއް ވެއެވެ. އެ ވަގުތުގައި އެއްވެސް މުސްލިމަކު ތެދުވެ ނަމާދުކޮށް، މާތް ﷲ ގެ ޙަޟްރަތުން ހެޔޮކަމަކަށް އެދި ދުޢާކުރާނަމަ، ﷲ އެކަމެއް ރައްދުނުކުރައްވާ ހުއްޓެވެ. (އެބަހީ: އޭނާއަށް ދެއްވާނެތެވެ.)" އަދި އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރައްވައި، (މި ވަގުތަކީ) ކުރު އަދި ހަނި ވަގުތެއްކަން ދެއްކެވިއެވެ" (ބުޚާރީ އަދި މުސްލިމް). މި މުބާރަކު މި މާތް ވަގުތު އަންނަނީ ކޮން އިރަކުކަމާމެދު ޢިލްމުވެރިންގެ މެދުގައި މައިގަނޑު ދެ ރައުޔު ހުށަހަޅުއްވާފައިވެއެވެ. އެއީ އަންނަނިވި ދެ ޙަދީޘްގެ މައްޗަށް ބިނާކޮށެވެ.


(1). ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. "އެއީ (އެވަގުތަކީ) އިމާމުމީހާ މިންބަރުގައި އިށީންނަ ވަގުތުން ފެށިގެން ހުކުރު ނަމާދުގެ ޖަމާޢަތް ނިމެންދެނެވެ" (މުސްލިމް).


(2). ޖާބިރު ބިން ޢަބްދުﷲ (ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެއެވެ. "ހުކުރު ދުވަހުގައި 12 ގަޑިއިރު ވެއެވެ. އޭގެ ތެރެއިން އެއްވެސް ގަޑިއިރެއްގައި މުސްލިމް އަޅަކު ﷲ އަށް އެއްވެސް ކަމަކަށް އެދި ދުޢާކުރާނަމަ، ﷲ އެކަމެއް އޭނާއަށް ދެއްވާނެތެވެ. އެހެންކަމުން، ޢަޞުރު ނަމާދަށްފަހު އެންމެ ފަހު ވަގުތުގައި އެކަމަށް އެދޭށެވެ"(އައްނަސާއީ).


މި މައްސަލާގައި އޮތް އެންމެ ބާރުގަދަ ރައުޔަކީ ދުޢާ ޤަބޫލުކުރައްވާ ވަގުތަކީ ޢަޞުރު ނަމާދަށްފަހު އެންމެ ފަހު ވަގުތުކަމުގައި، (އެބަހީ އިރުއޮއްސުމުގެ ކުރިން އޮންނަ ވަގުތު ކަމަށެވެ). މިއީ ﷲ ނަބިއްޔާ އާދަމް (ޢަލައިހިއްސަލާމް) ހެއްދެވި ވަގުތު ކަމަށްވާތީއެވެ. އަދި ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.


މި ޙަދީޘްތައް ކިޔަމުން ދާވަރަކަށް، ހުކުރު ދުވަހަކީ ޙަޤީޤަތުގައިވެސް އިންސާނުންނަށް އުފާފާޅުކުރުމުގެ ވަގުތެއްކަން އިތުރަށް ދޭހަވެގެންދެއެވެ. އެހެނީ ހުކުރު ދުވަސް އެއީ އަހަރެމެންގެ ނަސްލުގެ ފެށުން ހެއްދެވި ދުވަސް، އަދި އެއީ އިސްލާމްދީން ފުރިހަމަކުރެވުނު ދުވަސް އަދި ދުޢާ އިޖާބަކުރައްވާ ވަގުތު އެކުލެވޭ ދުވަހެވެ.


ކޮންމެ ހަފްތާއެއްގައިވެސް، ހުކުރު ދުވަސް އަންނަ ހިނދު، އަހަރެމެންނަށް މި ވަގުތު ހޯދުމުގެ ފުރުޞަތު ލިބި، ﷲ ގެ ޙަޟަރަތުން އަހަރެމެން ބޭނުންވާ ކޮންމެ ކަމަކަށް އެދުމުގެ މަގުފަހިވެގެންދެއެވެ. މިއީ ޙަޤީޤަތުގައިވެސް އުފާފާޅުކުރުމާއި ސަބަބެކެވެ. މިހާ ގިނަ ސަބަބުތަކެއް އުފާފާޅުކުރުމަށް އޮތުމުގެ އިތުރުން، އަހަރެމެން މަރުވުމަށްފަހުގައިވެސް ހުކުރު ދުވަހަކީ އަހަރެމެންނަށް މުހިންމު ދުވަހެއްގެ ގޮތުގައި ދެމިއޮންނާނެކަން އަހަރެމެންނަށް ފެންނާނެއެވެ.


(9) ޤަބުރުގެ ފިތުނައިން ސަލާމަތްވުން.


ހުކުރު ދުވަހުގެ އަނެއް މާތް ފަޟީލަތަކީ، މުސްލިމަކު ހުކުރު ދުވަހެއްގައި މަރުވެއްޖެނަމަ، އޭނާ ޤަބުރުގެ ފިތުނައިން ސަލާމަތްވާނެކަމެވެ. ޢަބްދުﷲ ބިން ޢަމްރު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) ޙަދީޘްކުރައްވާފައިވެއެވެ. "ﻣَﺎ ﻣِﻦْ ﻣُﺴْﻠِﻢٍ ﻳَﻤﻤُﻮﺕُ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ﺃَﻭْ ﻟَﻴْﻠَﺔَ ﺍﻟْﺠُﻤُﻌَﺔِ ﺇِﻟَّﺎ ﻭَﻗَﺎﻩُ ﺍﻟﻠَّﻪُ ﻓِﺘْﻨَﺔَ ﺍﻟْﻘَﺒْﺮِ" މާނައީ: "މުސްލިމަކު ހުކުރު ދުވަހެއްގައި ނުވަތަ ހުކުރު ވިލޭރޭ މަރުވެއްޖެނަމަ، މާތް ﷲ އެމީހާ ޤަބުރުގެ ފިތުނައިން ސަލާމަތްކުރައްވާނެއެވެ" (މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ތިރުމިޛީ އެވެ. އަދި އިމާމް އަލްބާނީ މި ޙަދީޘް ޞައްޙަ ކަމަށް ވިދާޅުވެފައިވެއެވެ).


މި ޙަދީޘުން އެނގެނީ ހުކުރު ދުވަހުގެ މާތްކަމާއި، އެ ދުވަހު ނުވަތަ އެ ރޭ މަރުވާ މީހާއަށް ލިބޭ ޚާއްޞަ ރަޙްމަތެކެވެ. ޤަބުރުގެ ފިތުނައިން ސަލާމަތްވުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. މިއީ މުސްލިމުންނަށް އުފާވެރި ޚަބަރެކެވެ. އަދި ހުކުރު ދުވަހުގެ މަތިވެރިކަން އިތުރަށް ބަޔާންވެގެންދާ ކަމެކެވެ.


(10). ޤިޔާމަތް ދުވަސް އަންނާނީ ހުކުރު ދުވަހެއްގައިކަމަށްވުން.


އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) ޙަދީޘްކުރައްވާފައިވެއެވެ.


ﻟَﺎ ﺗَﻘُﻮﻡُ ﺍﻟﺴَّﺎﻋَﺔُ ﺇِﻟَّﺎ ﻓِﻲ ﻳَﻮْﻡِ ﺍﻟْﺠُﻤُﻌَﺔِ މާނައީ: "އެންމެ ފަހުގެ ގަޑި (ޤިޔާމަތް) ވާނީ ހަމައެކަނި ހުކުރު ދުވަހެއްގައެވެ" (ޞަޙީޙު މުސްލިމް، ޙަދީޘް ނަންބަރު: 854). އަދި އެހެން ޙަދީޘެއްގައި އަބޫ ލުބާބާ ބިން ޢަބްދުލް މުންޛިރު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) ޙަދީޘްކުރައްވާފައިވެއެވެ. "ﻣَﺎ ﻣِﻦْ ﻣَﻠَﻚٍ ﻣُﻘَﺮَّﺏٍ ﻭَﻟَﺎ ﺳَﻤَﺎﺀٍ ﻭَﻟَﺎ ﺃَﺭْﺽٍ ﻭَﻟَﺎ ﺭِﻳَﺎﺡٍ ﻭَﻟَﺎ ﺟِﺒَﺎﻝٍ ﻭَﻟَﺎ ﺑَﺤْﺮٍ ﺇِﻟَّﺎ ﻭَﻫُﻮَ ﻳَﺸْﻔَﻖُ ﻣِﻦْ ﻳَﻮْﻡِ ﺍﻟْﺠُﻤُﻌَﺔِ" މާނައީ: "ﷲ އާ ކައިރިކުރެވިފައިވާ އެއްވެސް މަލާއިކަތެއް، އުޑެއް، ބިމެއް، ވައިތަކެއް، ފަރުބަދަތަކެއް އަދި ކަނޑެއް ހުކުރު ދުވަހަށް ބިރުނުގަންނަ ނުވެއެވެ" (ސުނަން އިބްނު މާޖާ، ޙަދީޘް ނަންބަރު: 1084).


ހިތާމައާއެކު، ދަންނަވަންޖެހެނީ މިއީ ޖިންނީންނާއި މީސްތަކުންގެ ޙާލަތެއް ނޫނެވެ. ރަސޫލާގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ހުކުރު ދުވަހު، ކޮންމެ ޖަނަވާރެއްވެސް ފަތިހުން ފެށިގެން އިރުއަރާ ވަގުތާ ހަމައަށް ޤިޔާމަތް ދުވަހުގެ ބިރުން ފަރުވާތެރިވެއެވެ. ނަމަވެސް ޖިންނީންނާއި މީސްތަކުން އެހެނެއް ނުވެއެވެ" (އަބޫ ދާވޫދު)


އަދި މީގެ އިތުރުން އަންނަނިވި ޙަދީޘުން ހުކުރު ދުވަހާއި ޤިޔާމަތް ދުވަހާ ދެމެދު ހުރި ގުޅުމާ ބެހޭ އިތުރު ތަފްޞީލު ދެއެވެ. އަވްސް ބިން އަވްސް (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހުގެ ތެރޭގައި ހުކުރު ދުވަސް ހިމެނެއެވެ. އެ ދުވަހު އާދަމްގެފާނު (ޢަލައިހިއްސަލާމް) ހެއްދެވުނެވެ. އެ ދުވަހު އެކަލޭގެފާނު އަވަހާރަވިއެވެ. އެ ދުވަހު އެންމެ ފަހުގެ ތާޅަފިލި ފުމެވޭނެއެވެ. އެހެންކަމުން، އެ ދުވަހު ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔުން ގިނަކުރާށެވެ. އެހެނީ ތިޔަބައިމީހުންގެ ޞަލަވާތްތައް ތިމަންކަލޭގެފާނަށް ހުށަހެޅޭނެއެވެ. އޭނާ (ރާވީ) ވިދާޅުވިއެވެ. "މީސްތަކުން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ހަށިކޮޅު ފަނާވެފައިވަނިކޮށް އަހަރުމެންނަށް ޞަލަވާތްތައް ކަލޭގެފާނަށް ހުށައެޅޭނީ ކިހިނަކުންއްތޯ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ﷲ، މަތިވެރިވެވޮޑިގެންވާ އަދި މާތްވެގެންވާ އިލާހު، ނަބީބޭކަލުންގެ ހަށިކޮޅުތައް (ކެއުމުން) ބިމަށް މަނާކުރައްވާފައިވެއެވެ" (އަބޫ ދާވޫދު). އެހެންކަމުން، ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަލޭގެފާނުގެ އުންމަތަށް ސީދާ އިރުޝާދު ދެއްވަނީ ހުކުރު ދުވަހު އެކަލޭގެފާނަށް ޞަލަވާތް ކިޔުން އިތުރުކުރުމަށެވެ. މިކަން އެކަލޭގެފާނުގެ މި ބަސްފުޅާ ގުޅެއެވެ.


(11). އަހަރެމެން އެކަލާނގެ (ﷲ)ގެ ދީދާރުފުޅު ފެންނާނީ ހުކުރު ދުވަހެއްގައިވުން.


ހުކުރު ދުވަހުގެ އެންމެ މަތިވެރި ހާދިޘާއަކީ އަދި އެންމެ މަތިވެރި ޖަޒާއަކީ ޝައްކެއްނެތް ގޮތުގައި ﷲ ގެ ދީދާރުފުޅުފެނުމެވެ. އަހަރެމެން ޤިޔާމަތް ދުވަހު ﷲ ދެކޭނެ ފަދައިން ސުވަރުގޭގެ އަހުލުވެރިންނަށްވެސް މި އެންމެ މަތިވެރި ޖަޒާ ކަމުގައިވާ ﷲ ދީދާރުފުޅު ފެނުމުގެ ނަސީބު ލިބޭނެއެވެ.


ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަންނަނިވި ދެ އާޔަތުގައި "އިތުރަށް" (ޒިޔާދާ އަދި މަޒީދު) މި ލަފްޒުން އިޝާރާތްކުރަނީ ﷲ ގެ ދީދާރުފުޅު ދެއްކެވުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ۞ لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ ‎﴿٢٦﴾‏ މާނައީ:" ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ (ޒިޔާދާ) ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭ ހުށްޓެވެ. (ޤުރްއާން:ޔޫނުސް:26). އަދި އެހެން އާޔަތެއްގައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. "لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ ‎﴿٣٥﴾‏ މާނައީ:"އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި އިތުރު نعمة ތައްވެސް އިތުރަށްވެސް (މަޒީދު) ވެއެވެ." (ކީރިތި ޤުރުއާން: ޤާފް:35).


މި އާޔަތްތަކުގައި ބަޔާންކޮށްފައިވާ ޢަޖައިބުވެގެންވާ ޖަޒާ ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭނީ ހުކުރު ދުވަހެއްގައެވެ. އެތާނގައި އެބައިމީހުން އަނެއްކާވެސް "އެއްވާނެއެވެ" އަދި މި ތަޖުރިބާގެ ސަބަބުން އެބައިމީހުންގެ "ރީތިކަމާއި ފުރިހަމަކަން" އިތުރުވާނެއެވެ. ރަސޫލާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ)ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، ސުވަރުގޭގައި ބާޒާރެއް ވެއެވެ. އެބައިމީހުން ކޮންމެ ހުކުރު ދުވަހަކު އެތަނަށް އަންނާނެއެވެ. އުތުރު ވައި ޖެހި، އެބައިމީހުންގެ މޫނުތަކާއި ހެދުންތަކުގައި މީރުވަސް ފެތުރި، އެބައިމީހުންގެ ރީތިކަމާއި ފުރިހަމަ އިތުރުވާނެއެވެ. ދެން އެބައިމީހުން އެނބުރި އެބައިމީހުންގެ އަހުލުވެރިންގެ ގާތަށް ދާނެއެވެ. އެބައިމީހުންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެފައިވާ ޙާލުގައެވެ. އެބައިމީހުންގެ އަހުލުވެރިން އެބައިމީހުންނަށް ބުނާނެއެވެ. 'ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުން އަހަރެމެންގެ ކިބައިން ދިޔުމަށްފަހު ތިޔަބައިމީހުންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެއްޖެއެވެ" އަދި އެބައިމީހުން ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުންގެވެސް ރީތިކަމާއި ފުރިހަމަކަން އަހަރެމެން ދިޔުމަށްފަހު އިތުރުވެއްޖެއެވެ" (މުސްލިމް).


އަހަރެމެން އިޚްލާޞްތެރިކަމާއެކު ހިތުގެ އެންމެ އަޑިން ދުޢާކުރަނީ ﷲ (ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ) އެކަލާނގެ ފަޟުލުވަންތަކަމާއި ރަޙްމަތް އަހަރެމެން އެންމެންގެ މައްޗަށް ވެއްސަވައި، އަހަރެމެންނަށް އެކަލާނގެ ދާއިމީ ނިޢުމަތުގެ ސުވަރުގެއަށް ވަނުމުގެ ހެޔޮ ތައުފީޤު ދެއްވައި، ކޮންމެ ހުކުރު ދުވަހަކު އެކަލާނގެ ދެކުމުގެ ޙަޤީޤީ ނިޢުމަތް ދެއްވުމެވެ. އާމީން!


(12). ހުކުރަކީ ހުރިހާ ދުވަސްތަކުގެ ވެރި ދުވަސް ކަމުގައިވުން.


މަތީގައިވާ ބަޔާންކުރެވުނު ހުރިހާ ކަންކަން ކިޔުމަށްފަހު، ނަބިއްޔާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) ހުކުރު ދުވަހަކީ ހުރިހާ ދުވަސްތަކުގެ ވެރި ދުވަސް ކަމުގައި ސީދާ ވިދާޅުވެފައިވާކަން ތިޔަބައިމީހުންނަށް އެއްގޮތަކަށްވެސް ޢަޖައިބުވެގެން ނުދާނެއެވެ. ހުކުރު ދުވަހުގެ ދަރަޖަ އެހާ މަތިވެރިވެގެންވާތީއެވެ. އެހެނީ އެހެން ދުވަސްތަކުގެ މާތްކަން އެ ދުވަހުގެ މާތްކަމަށްވުރެ ދަށެވެ. މީގެ ތެރޭގައި ޢީދު ދުވަސްތައްވެސް ހިމެނެއެވެ. އެހެންކަމުން މި ދުވަހުގެ މާތްކަމާމެދު ވިސްނައި، މި ދުވަހުގެ މާތްކަމާއި ދަރުމައާއި ޘަވާބު ހޯދުމަށް އަހަރެމެންގެ މަސައްކަތްތައް އިތުރަށް ހީވާގިވުމަކީ ޝައްކެއްނެތް ގޮތުގައި ވަރަށް މުހިންމުކަމެކެވެ.


ނިންމުން


މަޝްހޫރު ޔަމަނީ ޞަޙާބީ، އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ނަބިއްޔާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) ގެ އަރިހުން އެއްފަހަރަކު ސުވާލުކުރެވުނެވެ. "އެ ދުވަހަށް ޖުމުޢާ (އެއްވުން) ކިޔުނީ ކީއްވެގެންތޯ އެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ އެ ދުވަހު، ތިޔަބައިމީހުންގެ ބައްޕަ އާދަމްގެފާނު (ޢަލައިހިއްސަލާމް) ހެއްދެވުނު މަށި ބިމުން ނެގުނު ދުވަސް ކަމަށްވާތީއެވެ. އަދި އެ ދުވަހު (ޤިޔާމަތް ދުވަހު) ތާޅަފިލި ފުމެލެވޭނެއެވެ. އަދި އަލުން ދިރުއްވުމާއި ބޮޑު ހިއްޕެވުމަކުން (ކާފިރުން ހިއްޕަވާ) ނެއެވެ. އަދި އެ ދުވަހުގެ އެންމެ ފަހު ތިން ގަޑިއިރުގެ ތެރޭގައި، އެ ގަޑިއިރުގައި ﷲ އަށް ދުޢާކުރާ މީހަކަށް ދުޢާ އިޖާބަ ކުރައްވަވާ ވަގުތެއް ވެއެވެ" (އަޙްމަދު).


އަހުރެން އުއްމީދު ކުރަނީ މިބަޔާން ކުރެވުނު މައުލޫމާތު ތަކުން ހުކުރުދުވަސް އަހަރުމެންނަށް ޚާއްޞަ ދުވަހެއްގެ ގޮތުގައި ވަނީ ކީއްވެގެންކަން ބަޔާންކޮށްދެވުނުކަމަށެވެ. އަދި މިމާތް ދުވަހު އަހަރުމެން ކުރުމަށް ރަސޫލު ﷲ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) އަރިހުން ބަޔާންވެގެންވާ ކަންކަން ކުރުމަށް އިތުރަށް ހީވާގިވެ ސަމާލުކަން ދެއްވާ ހުކުރުދުވަހުގެ މާތްކަމާއި ދަރުމައާއި ޘަވާބު ހެޔޮގޮތުގައި ލިބިގަންނަ ބަޔަކު ކަމުގައި އަހަރުމެން އެންމެން ވުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމެވެ. އަދި އަހަރުމެންނަކީ އަބަދުވެސް ހެޔޮބަސް އަހާ އެއާއި އެއްގޮތަށް ޢަމަލު ކުރާ ބަޔަކުކަމުގައި މާތް ﷲ ލެއްވުމެވެ. އަދި މަޟްމޫނު ރައްޓެހިންނާއި ޢާއިލާއާ ޙިއްޞާކުރާށެވެ. އެހެނީ ނަބިއްޔާ (ﺻﻠﻰ ﷲ ﻋﻠﻴﻪ ﻭﺳﻠﻢ) ޙަދީޘްކުރައްވާފައިވެއެވެ. "ހެޔޮކަމަކަށް މަގުދައްކައިދޭ މީހާއަށް އެކަން ކުރި މީހާއަށް ލިބޭ ފަދަ ދަރުމައެއް ލިބޭނެއެވެ" (މުސްލިމް).


وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ


- ނިމުނީ - 


ކިޔުންތެރިންގެ ހިޔާލު