ދިރާގު ރޯޑު ރޭހުގެ ދެވަނަ ދަންފަޅި މިއަދު ހަވީރު

2 hours ago

އަފްރާހް

ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ބާއްވައިފިއެވެ.


މި ރޭހުގައި މިއަދު ހެނދުނު ބާއްވާފައިވަނީ ހާފް މެރެތަން އާއި 10 ކިލޯމީޓަރުގެ ރޭހެވެ. އަދި ހަވީރު 4:30 ގައި ފަށާނީ 5 ކިލޯމީޓަރުގެ ދުވުމެވެ.


4،400 ދުވުންތެރިންނާއެކު މިއަހަރުގެ ދުވުން ވެސް ކުރިއަށްދަނީ ހުޅުމާލޭގައެވެ. މި ހަރަކާތުގެ ހޮސްޓިންގ ޕާޓްނަރއަކަށް އެޗްޑީސީ ހަމަޖައްސާފައިވާއިރު، ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އަދި ފަސްޓް އެއިޑް ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އެވެ.


މިދުވުން ހިނގަމުންދާ ވަގުތުތަކުގައި ހުޅުމާލޭގެ ފިތުރޯނު މަގާއި މިދިލި މަގާއި ހައިވަކަރުމަގާއި އޯކިޑްމާ ހިނގުމާއި ކުރެދިމާ ހިނގުމުގެ ބަޔަކާއި ރީތިގަސް މަހުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ނިންމާފައެވެ.


މިމަގުތަކާއި ގުޅިފައިވާ ބައެއް މަގުތަކުގެ ޓްރެފިކަށް ވެސް ބަދަލު ގެނެސްފައިވާއިރު، ރީތިގަސް މަގުގެ ސައިމާ ހިނގުމުން ދެކުނު އެއްކޮށްޅަށް ދުއްވާ ގޮތަށް ބަދަލުކުރުމާއި ބަނަފްސާ ހިނގުމާއި ކުރިކީލަމަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.


ދުވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަދު ފަތިހު 4 ން ހެނދުނު 9:15 އަށް އެ ހަރަކާތް ހިނގާ މަގުތައް ބަންދުކުރިއިރު، މިއަދު ހަވީރު 3:30 އިން ފެށިގެން އިރުއޮއްސި 6:15 އަަށް ވެސް އެރ ސަރަހައްދު ބަންދުވާނެއެވެ. ޓްރެފިކަށް އަންނަ ބަދަލުތަކުގެ އިތުރުން ރޯޑްރޭސްގައި ބައިވެރިވާ ފަރާތްތަކުގެ ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދުތައް ވެސް މިހާރުވަނީ ކަނޑައަޅާފައެވެ.


މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.


މީގެއިތުރުން މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު