އިމިގްރޭޝަނުން ފަސްއެނބުރި ބެލުމެއް ނެތް - ގުރައިދޫ އޮޕަރޭޝަންގައި 39 ބިދޭސީން

2 months ago

އަފްރާހް

މާލެ އަތޮޅު ގުރައިދޫގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އޮކްޓޫބަރު 24 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އެގޮތުން މި އޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫގައި ކަމަށެވެ.


އެދުވަހުގެ ހެނދުނު 10:30 އިން ހަވީރު 5:30 އަށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރައްވައެވެ.


އެރަށުން، އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ބަންގަލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުން ކަމަށެވެ. އަދި ނައިޖީރިއާގެ މީހެއް ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޟިރުވުމަށް ލިޔުުން ދީ، ފަސް ދިވެހިން (ވަޒީފާ ދޭ ފަރާތް) ނަށް ވަނީ ލިޔުމުން ނަސޭހަތް ދީފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 20 އޮފިސަރުންނާއި ފުލުހުންގެ 9 އޮފިސަރުން ބައިވެރިވެފައިވާކަން އެ ފަރާތުން ހާމަކުރައްވައެވެ.


މީގެއިތުރުން ގުރައިދޫ ކައުންސިލާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.


އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ލިބޭ ގެއްލުން ކުޑަކޮށް، އެމީހުނާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.


ކިޔުންތެރިންގެ ހިޔާލު