މީރާ އިން ވިލާ ކޮލެޖާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

1 month ago

އަފްރާހް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވިލާ ކޮލެޖާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މި ފަހުމުނާމާގެ ދަށުން ވިލާ ކޮލެޖުން ކުރިއަށްގެންދާ 'ކޯޕަރޭޓް އެކްސެސް ޓު ސްޓޫޑެންޓް ޓެލެންޓް' (ކާސްޓް) ޕްރޮގްރާމްގައި ބައިވެރިވެ، ވިލާ ކޮލެޖުގައި އެ ވަގުތު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ގްރެޖުއޭޓްވާ ދަރިވަރުންނާއި ވަކިން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މީރާ އިން ހާމަކުރައްވައެވެ.


މި ބައްދަލުވުންތަކުގައި ދަރިވަރުން ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމުގައި އެހީތެރިވެދީ، މީރާގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ފޯރުކޮށްދީ، މަސައްކަތުގެ މާހައުލާމެދު އެ ދަރިވަރުންގެ ހިތްތަކުގައި ޝައުގެވެރިކަން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 


މިކަމުގެ ސަބަބުން މީރާގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި ޓެކުހާ ގުޅުން ދާއިރާތަކުގެ އިލްމީ ދިރާސާތައް، ދެ މުއައްސަސާ ގުޅިގެން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދައި، މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި މި އޮތް ޓެކުހުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.


މި ފަހުމުނާމާގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ. 


ކިޔުންތެރިންގެ ހިޔާލު