ދަރަނިތައް ކުޑަކުރުމަށް ވެރިކަމަށް އައި އެމްޑީޕީން ދަރަނި އަދާކުރުމަށް ނެގީ ލޯން: ރައީސް ނަޝީދު

5 months ago

އަފްރާހް

ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައީ ރާއްޖޭގެ ދަރަނިތައް ކުޑަކުރުމަށް ވައުދުވެގެން ކަމަށާއި އެހެންނަމަވެސް އޭގެ ބަދަލުގައި ދަރަނި އަދާކުރުމަށް ނެގީ އިތުރު ލޯނުތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ލަންކާގެ "ދަ މޯނިންގ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.


އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ އެއީ ޒިންމާދާރުކަން ކުޑަ ވެރިކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.


"އެމީހުންގެ ލޮލުން މެނިފެސްޓޯ ގެއްލިގެން ދިޔަ. ވައުދުވީ ކަންތައްތައް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އިންވެސްޓް ކުރަމުން ދިޔައީ ހަމައެކަނި އަޅުގަނޑުމެންގެ ދަރަނީގެ ބުރަ އިތުރުވާ ވެނިޓީ ޕްރޮޖެކްޓްތަކަށް" ނަޝީދު ވިދާޅުވިއެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ އެމްޑީޕީ ސަރުކާރެއް އައީ ކުރީގެ ވެރިކަމުގެ ކޮރަޕްޝަން ތަހުގީގު ކުރަން ވައުދުވެގެން ކަމަށާއި އެކަމަކު އެކަން ކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ.


ހަމަމިއާއެކު މީގެ ތިން އަހަރުކުރިން އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅޭގޮތުން ވިދާޅުވީ އެހަމަލާ އިން ސަލާމަތްވި ނަމަވެސް އެ ހަމަލާގެ އަސްލު ސަބަބު ސަރުކާރަށް އަދިވެސް ހޯދިފައިނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައެވެ. 


ކިޔުންތެރިންގެ ހިޔާލު