1 month ago
ތުރުކީ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެެއިން ސޮއި ކޮށްފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިބެއަހަރުގެ ނޮވެމްބަރ މަހު ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަންތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ.
އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ތުރުކީގެ ރައީސް، ރަޖަބު ތައްޔިބް އުރުދުޣާން އާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ދެ ގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމާއި ވިޔަފާރިއާއި އިގްތިސާދީ އިންވެސްޓްމަންޓުގެ ދާއިރާ އިން އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއްވިއެވެ. އަދި އިއާދަ ކުރަނިވި ހަކަތަ އާއި މަތީ ތައުލީމުގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުމަށް ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.
މި އެއްބަސްވުމުގެ ދަށުން އެގައުމަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދާ ދިނުމާއި ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، ދެގައުމުގެ ދެމެދު ކުރާ ވިޔަފާރި އިތުރުކުރުން ހިމެނެއެވެ.
މީގެއިތުރުން ރާއްޖެއިން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓުގައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ވެސް ނިންމާފައި ވެއެވެ. އަދި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭނެ ފުރުސަތުތަކަށް މަގު ފަހުކޮށްދިނުން ވެސް ނިންމާފައި ވެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއި ކުރެއްވީ ޓްރޭޑް މިނިސްޓަރު، ޕްރޮފެސަރު ޑރ. އޯމާ ބޮލަޓް އެވެ.